ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތްގެ ފައިނަލްގެ ދެވަނަ ޖާގަ ހެނބަދޫ ޓީމުން ކަށަވަރުކޮށްފިއެވެ. ރޭ ވެލިދޫ ކޯޓުގައި ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުން ހެނބަދޫ ވޮލީބޯލް ޓީމު މޮޅުވީ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް 3 ސެޓް 1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓް ހެނބަދޫ ޓީމު ކާމިޔާބު ކުރީ ފަސޭހަކަމާއެކު 25-17 އިންނެވެ. ފަސޭހަކަމާއެކު ފުރަތަމަ ދެ ސެޓް ހެނބަދޫ ޓީމުން ކާމިޔާބު ކުރުމުން މާ ބޮޑު އުނދަގުލަކާ ނުލާ 3 ވަނަ ސެޓްވެސް އެޓީމުން ކާމިޔާބު ކުރާނެކަމަށް ބެލެވުނެވެ. ނަމަވެސް 3 ވަނަ ސެޓް ހެނބަދޫ ޓީމަށް އެންމެ ތަންފުކެއްވެސް ދޫ ނުދީ ކުޅެ 25-21 އިން މި ސެޓް ކެނދިކުޅުދޫ ޓީމު ކާމިޔާބުކޮށް އުއްމީދު އާ ކުރިއެވެ.
ނަމަވެސް މެޗުގެ ހަތަރު ވަނަ ސެޓްގައި ކެނދިކުޅުދޫ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށް ކުޅުމެކެވެ. އެކަމުގެ ފައިދާ ނަގާ ހެނބަދޫ ޓީމުން މި ސެޓް ފަސޭހަކަމާ އެކު ނަގާ މެޗުން މޮޅުވެ ފައިނަލަށް ދަތުރުކުރިއެވެ. މި ސެޓް އެޓީމުން ކާމިޔާބު ކުރީ 25-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހެނބަދޫ ޓީމުގެ މުޙައްމަދު ޢަބްދުއްރަޙީމުއެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން އޮންނާނީ މި މެއި މަހުގެ 11 ވާ އާދިއްތަ ދުވަހު ހަވީރު 4:00 ގައި ވެލިދޫ ވޮލީކޯޓުގައެވެ. ފައިނަލް މެޗުގައި ހެނބަދޫ އާ ދެކޮޅަށް ނިކުންނާނީ މާޅެންދޫ އެވެ.