ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރިކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވަނީ ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ކުދިންނާއި ކުދިންގެ ޢާއިލާތަކަށް އަރިސްކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މާދަމާ ދިވެހި ޤައުމު ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރަން ތިބި ބަޔަކީ މިއަދުގެ ކުޑަކުދިންކަމަށެވެ.
ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ. މާދަމާ ދިވެހި ޤައުމީ ނަވައިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު އެކުދިންނަށް ލިބޭނީ މިއަދު އަޅުގަނޑުމެން އެކަމަށް މަސައްކަތް ކޮށްދީގެން.
ދިވެހި ލޮބުވެތި ކުޑަކުދިންނާއި،… pic.twitter.com/FI2aKSWvSs
— Dr Mohamed Muizzu (@MMuizzu) May 10, 2025
އެހެންކަމުން އެކުދިންނަށް އަމާން ދަތުރެއް މާދަމާ ކުރެވޭނީ، އެކުދިންނަށް ޤާބިލްކަމާއި ހިތްވަރު ލިބޭނީ މިއަދު އެކަމަށް މަސައްކަތް ކޮށްދީގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދުނިޔެއަށް މިހާރު އަންނަމުންދާ ބަދަލުތަކަށް ދަރިން ހޭލުންތެރިކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ދުވަހެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" މިޝިޢާރެވެ.