މާތް ﷲގެ ޙަޟުރަތަށް އެންމެހައި މީސްތަކުން ރުޖޫޢަކުރެއްވޭނޭ ދުވަހަށް ރައްކާތެރިވެ ބިރުވެތިވެވޭނީ، މާތް ﷲއަށް ފުރިހަމަ ގޮތުގައި އީމާންވެ، އެ ކަލާނގެ ހަނދުމަކޮށްގެންކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ސުވަރުގޭގެ މަތިވެރި ޘަވާބަށް އުންމީދުކޮށް، ނަރަކައިގެ ވޭންދެނިވި ޢަޛާބުގެ މަތީން ހަނދާންކުރުމުގެ މުހިންމުކަން ފާހަގަކުރައްވައެވެ.
މާތް ﷲ ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ޢަމަލަކީ ނަމާދު ޤާއިމުކުރުންކަމަށް ބަޔާންކުރެވިފައިވެއެވެ. مُوسَى عَلَيْهِ السَّلَام، طُوَىއޭ ކިޔުނު مُقَدَّس ވާދީގައި ހުންނަވަނިކޮށް، މާތް الله އެ ކަލޭގެފާނަށް ބަސް ވަޙީކުރައްވައި، الله ހަނދުމަކުރެއްވުމަށް ޓަކައި، ނަމާދު ޤާއިމުކުރެއްވުމަށް އެންގެވިއެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ: "ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއީ الله އެވެ. ތިމަންރަސްކަލާނގެ މެނުވީ، ޙައްޤުވެގެން އަޅުކަންވެވޭ إلَـٰهއަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި ތިމަން ރަސްކަލާނގެ ހަނދުމަކުރެއްވުމަށް ޓަކައި، ނަމާދު ޤާއިމުކުރައްވާށެވެ!" سورة طه: ١٤
މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދުކަން ފާހަގަކުރެވެއެވެ. މި އުންމަތަށް ނަމާދު ފަރުޟުކުރެއްވުނީ، ކީރިތި ނަބިއްޔާ މުޙައްމަދު ﷺ އާއިގެން މިޢުރާޖު ކުރެއްވުނު ރޭގައި ކަމަށް ވެއެވެ. އަދި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީވެސް ނަމާދާ މެދުގައިކަން ޢިލްމުވެރިން ވިދާޅުވެއެވެ.
ﷲ ހަނދުމަކުރުމުން އެއްކިބާވުމުގެ ނުރައްކާ ބަޔާންކުރައްވަމުން، ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ފުރަގަސްދޭ މީހުންނަކީ ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ ބައެއްކަން ފާހަގަކުރެވިފައިވެއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (اِتَّقِ اللهَ حَيْثُمَا كُنْتَ وَأَتْبِعِ السَّيِّئَةَ الْـحَسَنَةَ تَـمْحُهَا، وَخَالِقِ النَّاسَ بِـخُلْقٍ حَسَنٍ)[1] މާނައީ: "ތިބާ ވީ ކޮންމެ ތަނެއްގައި، މާތް ﷲއަށް تقوىވެރިވާށެވެ! ފާފައެއް ކުރެވުމުން، އެއާ ވިދިގެން ހެޔޮ ޢަމަލު ކުރާށެވެ! އޭރުން އެ ހެޔޮ ޢަމަލު އެ ފާފަ ފުހެލާނެތެވެ. އަދި މީސްތަކުންނާ ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ!"
މާތް ﷲ ހަނދުމަކުރުމާއި ނަމާދު ޤާއިމުކުރުމަށް ހުރަސްއަޅާ ކަންތައްތަކުގެ ތެރޭގައި ހަވާނަފުސުގެ އެދުންތަކާއި މުންކަރާތްތަކާއި ފާޙިޝް ޢަމަލުތައް ހިމެނޭކަން ދީނީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.