ނޫނު އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ނ.ވެލިދޫގައި ކުރިޔަށް ގެންދިޔަ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތްގައި ބައިވެރިވި ފުރަތަމަ ފަހަރުވެސް ހެނބަދޫ ވޮލީ ޓީމު ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހެނބަދޫ ވޮލީބޯޅަ ޓީމު ހޯދީ އިއްޔެ ހަވީރު ވެލިދޫ ވޮލީކޯޓުގައި ކުޅުނު ފައިނަލް މެޗުގައި މާޅެންދޫ ވޮލީ ޓީމާ ބައްދަލުކޮށް 3 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓް ހެނބަދޫ ޓީމު ކާމިޔާބު ކުރީ މާ ބޮޑު އުނދަގުލަކާ ނުލާ 25-16 އިންނެވެ. ނަމަވެސް ދެވަނަ ސެޓްގައި ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ސެޓް ނިންމަންވެސް ހެނބަދޫއަށް 3 ފުރުޞަތުވެސް ލިބުނެވެ. ނަމަވެސް މާޅެންދޫ ޓީމުގެ ކޯޗް ނަލަ ކޯޗު ޓައިމްއައުޓެއް ނަގާ ޓީމު ހަމަޔަކަށް އަޅުވާ މި ސެޓް މާޅެންދޫ ޓީމު ހޯދީ 28-26 އިންނެވެ. މެޗުގެ ފަހު ދެ ސެޓްގައި ހެނބަދޫ ޓީމުގެ ހަމަލާތައް ނުހުއްޓުވި ، މާޅެންދޫ ޓީމުގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. މި ދެ ސެޓް ހެނބަދޫ ކާމިޔާބުކުރީ 25-11 އަދި 25-16 އިންނެވެ.
ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ހެނބަދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި އަޙްމަދު ޢަލީ ( އައްމަޓީ ) އެވެ. ފައިނަލް މެޗަށް ފަހު ވަނަވަނަޔަށް ހޮވުނު ކުޅުންތެރިންނަށާއި ޓިމުތަކަށް އިނާމު ދިނުން އޮތެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ހެނބަދޫ ޓީމުގެ އަޙްމަދު ޢަލީ ، މުޙައްމަދު ޢަބްދުއްރަޙީމް ، މުޙައްމަދު ޝަރީފް ، މާޅެންދޫ ޓީމުގެ އާރިފް ޢީސާ، ކެނދިކުޅުދޫ ޓީމުގެ މުޙައްމަދު އިޝާން އަދި މަގޫދޫ ޓީމުގެ އަޙްމަދު ޝާހިދު އެވެ.
މުބާރާތުގެ އުއްމީދީ ކުޅުންތެރިޔަށް ވެލިދޫ ޓީމުގެ މުޙައްމަދު އާނިފް ހޮވުނުއިރު ، މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ހެނބަދޫ ޓީމުގެ އަޙްމަދު ޝެހެނާޒްއެވެ. އަދި އެންމެ މޮޅު ކޯޗަށް ހޮވުނީ ހެނބަދޫ ޓީމުގެ ކޯޗް އަދުނާނު ޢަބްދުއްރަޙީމް ( ނާނު )އެވެ.
މުބާރާތުގެ ފެއަރޕްލޭ ޓިމަކަށް ހޮވުނީ ވެލިދޫ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހެނބަދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ޖާޒީ ނަންބަރު 2 މުޙައްމަދު ޢަބްދުއްރަޙީމެވެ.



