11 ފެބުރުވަރީ 2026
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު

ޝަމްޢާނާއި އިމިގްރޭޝަންގެ ކުރީގެ 4 އޮފިސަރަކަށް ދަޢުވާކުރަން ޕީޖީއަށް ފޮނުވައިފި

ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ކުރީގެ 4 އޮފިސަރަކަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހުށައަޅުއްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕީޖީ އޮފީހުން ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުގައި ޝަމްޢާންގެ އިތުރުން 4 މީހަކަށް ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުން ހުށައެޅީ އިއްޔެ ކަމަށެވެ. އަދި އެ މައްސަލަ ބަލައިގެންފައިވާ ކަމަށާއި މައްސަލައާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މާރޗް މަހުގެ 12ވަނަ ދުވަހު ގަވާއިދާއި އުސޫލުތަކާ ޚިލާފަށް މާފަންނުގެ ގެއެއްގައި އުޅުނު ބިދޭސީންތަކަކަށް އަމާޒުކޮށް އިމިގްރޭޝަނުން އޮޕަރޭޝަނެއް ހިންގީ ޝަމްޢާނަށް އެނގިގެން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް މި މައްސަލާގައި ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އެ ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލީ ޝަމްޢާންގެ އިރުޝާދުގެ ދަށުން "އަރޖެންޓް" ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށާއި އޭނާ ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ އެހެން އޮފިސަރަކު ބިދޭސީ މީހާގެ އަތުން ނެގި ފައިސާ ޝަމްޢާންގެ ގެއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ދަޢުވާކޮށްދިނުމަށް އެދި ހުށައަޅާފައިވާ 5 މީހުން / ފޮޓޯ: ފުލުހުން

ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާ އާއި 10،000 އެމެރިކާ ޑޮލަރު އަދި އެހެން ބައެއް ޤައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވި ހިސާބުން ޝަމްޢާން ވަނީ މަޤާމުން ވަކިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު