މޫޑީސް ރޭޓިންގއިން އެކުލަވާލި އެންމެ ފަހުގެ ޕީރިއަޑިކް ރިވިއުގައި ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ އިޝުއަރ ރޭޓިންގ ސީއޭއޭ 2 ގައި ދަމަހައްޓާފައިވާކަން މިއަދު އިއުލާނުކޮށްފިއެވެ.
މޫޑީސްއިން މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ރޭޓިންގ ކޮމިޓީ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި، ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން، އިޤްތިޞާދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދައުލަތުގެ ދަރަނި އިތުރުވެގެން ގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ފަތުރުވެރިކަން އަލުން ކުރިއަރައި، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު 2024 އިން ފެށިގެން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަނީ އިތުރުވަމުން ގޮސްފައެވެ. މިއީ ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި، ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިޞްލާޙުތަކާއި، ބޭރު ފައިސާއިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުގައި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް، 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުމަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައި މޫޑީސްއިން ދެކެއެވެ. މީގެ އިތުރުން، އެމެރިކާގެ އިޤްތިޞާދީ ސިޔާސަތުތަކާ ގުޅިގެން މާލީ ބާޒާރަށް އޮންނަ ޔަޤީންކަން ދަށްވެފައިވުމާއެކު، ބައިނަލްއަޤްވާމީ މާކެޓުން ފައިނޭންސިންގ ހޯދުމަށް ހުރި ގޮންޖެހުންތައްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މޫޑީސްއިން ރާއްޖޭގެ ރޭޓިންގ ދަމަހައްޓަން ނިންމާފައިވަނީ، ދިވެހިރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ޤަވާއިދުން ދައްކަމުންދާތީއެވެ. އެގޮތުން، ބޭރުގެ ފަރާތަކުން ނަގާފައިވާ 100 މިލިޔަން ޑޮލަރުގެ ލޯނެއް މިއަހަރުގެ މާރިޗް މަހު އަނބުރާ ދައްކާފައިވާކަން ފާހަގަކުރެވެއެވެ.




ކިޔުންތެރިންގެ ޚިޔާލުތައް:
ތަނެއް ދޮރެއް އެގިގެންތަ ތިލިޔަނީ. ދަރަނިބޯކަމުން އަދިވެސް ސަލާމަތްވާން ނެތީމާ އެންމެ ދަށުދަރައިގައި އެއޮތީ