މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް ތިން ދަޢުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި ޝަމްޢާންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި ތުހުމަތުކޮށްފައިވާ ކަންކަމަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަންގެ އާންމު އުސޫލާ ޚިލާފަށް، 11 މާރިޗު 2025 ވަނަ ދުވަހުގެ ރޭ ކޮންޓްރޯލަރގެ ބިއުރޯގެ މުވައްޒަފުން މެދުވެރިކޮށް "އިމިގްރޭޝަން ޗެކް" އެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެފައިވެއެވެ. މި "ޗެކް"ގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މައިނުއްދީން 530،000 ރުފިޔާއާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ދޫކޮށްދިނުމަށް އެދި ސްޕޮންސަރުގެ ނަމުގައި ހުށަހެޅި ސައްޙަނޫން ސިޓީއެއްގެ މައްޗަށް ބިނާކޮށް ޝަމްޢާން އޭނާ ދޫކޮށްލުމަށް އަންގާފައިވެއެވެ. އިމިގްރޭޝަންގެ ކާރެއްގައި މައިނުއްދީން ގެންދިޔަ ވަގުތު، އޭނާގެ އަތުގައި ހުރި ފައިސާގެ ތެރެއިން 500،000 ރުފިޔާ އަތުލުމަށް ޝަމްޢާން، ގ. ހެޕީސައިޑް އިބްރާހީމް އަޙްމަދަށް އަންގާފައިވެއެވެ. އަދި މިގޮތަށް އަތުލި ފައިސާގެ ތެރެއިން 400،000 ރުފިޔާއާ ޝަމްޢާން ޙަވާލުވެފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަންގްލަދޭޝްގެ ރައްޔިތު މައިނުއްދީންއަށް 500,000 ރުފިޔާ އަދި ދައުލަތަށް 400,000 ރުފިޔާ ނަގައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިފައިވެއެވެ. މީގެ އިތުރުން މި މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށްވެސް އެކި ކުށްތަކުގެ ދަޢުވާ އުފުލާފައިވެއެވެ.
މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، ޝަމްޢާން މިހާރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. މި ދަޢުވާތައް ޝަރީޢަތުން ސާބިތުވެއްޖެނަމަ، ޝަމްޢާންގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.



