9 ފެބުރުވަރީ 2026
ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް

ސެޕްޓެމްބަރމަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފަށަނީ

މިއަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް ދާންވާއިރަށް ކޮންމެ އަތޮޅެއްގައި މަދުވެގެން ޑައިލިސިސް ސެންޓަރެއް ތަރައްޤީކޮށް ޚިދުމަތް ދޭން ފަށާނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ޑައިލިސިސް ބަލިމީހުންނަށް މާލެއަށް އަންނަން ޖެހޭ އުނދަގޫ ދަތުރުތައް ކުރުމުން ސަލާމަތްވެވޭނެ ގޮތް ހަދައިދިނުމަށް މަސައްކަތް ކުރަމުންދެއެވެ.

"މަދު އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅެއްގައިވެސް މިހާރު މި ޚިދުމަތް ވާނީ ފަށާފައި. ވޯލްޑް ހެލްތް ޑޭ ފަންކްޝަންގައި ރައީސް ވާނީ 4 ރަށެއްގައި ރަސްމީކޮށް މި ޚިދުމަތް ފަށާފައި," ވަޒީރު ވިދާޅުވިއެވެ.

އެންމެ ފަހުން ޑައިލިސިސްގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައެވެ. އަދި މިއަހަރުގެ ފެބުރުއަރީ މަހު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށާފައިވާއިރު، 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައިވެސް ޑައިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ.

މިހާރު ރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް ނުފެށި ވަނީ އއ، އދ، ވ، މ، ފ އަދި ދ އަތޮޅުގައެވެ. ވަޒީރުގެ ވާހަކަފުޅުން އެނގޭ ގޮތުގައި، ވަކި އަދަދަކަށްވުރެ ޑައިލިސިސް ބަލިމީހުން ގިނަ ރަށްތައް ދެނެގަނެ، އެ ރަށްތަކަށް އަމާޒުކޮށްގެން މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު