ލާމަރުކަޒީ ނިޒާމު މިވަގުތު އޮތީ ވަކި ބަޔަކަށް އޭގެ މަންފާވާ ގޮތަށްކަމަށްވުމާއެކު، ބޭނުންވަނީ ޖުމްލަ ހައްލެއް ގެންނަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވަނީ ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނެސް ޚަރަދު ކުޑަކުރުމާ ގުޅޭ މަޝްވަރާގެ ޚިޔާލު ހޯދުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސެވެ. ނާޒިމް ވިދާޅުވިގޮތުގައި މިހާރު އޮތް ނިޒާމުގެ ދަށުން ކައުންސިލް މެންބަރުންގެ މުސާރައަށް އެކަނި އަހަރަކު 960 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހެއެވެ.
އަދި ހިންގުމުގެ ޚަރަދަށް 79 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަހަރެއްގެ މައްޗަށް 300 މިލިއަން ރުފިޔާގެ ޚަރަދު ހިނގާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. "ހާލަތު އޮތް ގޮތުން، މިއަދު ޤައުމުގެ ތެރޭގައި މަޝްވަރާ އޮތީ ކަންކަން އިޤްތިޞާދުކޮށް ޚަރަދު ކުޑަކުރެވޭނެ ގޮތެއް ހޯދުމަށް،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި ކައުންސިލް ނިޒާމުން މިދިޔا 15 އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ފެންނާކަށް ނެތެވެ. އެގޮތުން ސިޓީގެ ދަރަޖަ ދިނުމަށް ކަނޑައަޅާފައިވާ އާބާދީގެ މިންގަނޑު 25,000 އިން 10,000 އަށް ދަށްކުރެވުނު ނަމަވެސް، އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެވިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމާ އެއްވެސް ބަޔަކު ދެކޮޅު ނޫން ކަމަށާއި، ބޭނުންވަނީ އެންމެންނަށް އޭގެ މަންފާވާނެ ބަދަލުތައް އައުމަށް ކަމަށެވެ. އަދި މަޖިލީހުގައި އޮތް ގަރާރަށް ބަހުސްކުރާއިރު، އިދިކޮޅު މެންބަރުން ވެސް ޚިޔާލު ދެއްވުމުން ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދު އޮތްކަމަށް ވިދާޅުވިއެވެ.



