ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އިދިކޮޅު އެމްޑީޕީއަށް ގެއްލުވާލުމަށް، އެ ޕާޓީއަށް "ފަސް ފަނި" ފޮނުވާފައިވާނެކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީއަށް އިންތިޚާބު ގެއްލުވާލައި ރޫޅާލުމަށް ފަހު އަނެއްކާ ވެސް ޕާޓީ "ރާވަން" އެނބުރި ވަޑައިގަންނަވަން ބަޔަކު ތައްޔާރުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ރޭވުމުގެ ޖާގައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
މި ވާހަކަ ފަލާހު ދައްކަވާފައިވަނީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް ޑިމޮކްރެޓްސްގައި ތިއްބެވި މެންބަރުން އެމްޑީޕީއަށް އެނބުރި ވަޑައިގަތުމަށް ނިންމާފައިވާ ވަގުތެއްގައެވެ.
ޑިމޮކްރެޓްސްއިން މި ނިންމުން ނިންމާފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވައި، އިދިކޮޅަށް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމުގެ މުހިންމުކަން ފާހަގަކުރަމުންނެވެ. އަދި ގައުމަށް ހަމަޖެހުން ގެނައުމަކީ ވެސް މި ނިންމުން ނިންމި ސަބަބެއްކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ 2026 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.




ކިޔުންތެރިންގެ ޚިޔާލުތައް:
މިފަހަރު ޕީއެންސީއަކަށް ކައުންސިލް ކާމިޔާބެއް ނުކުރެވޭނެ