މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމުގެ ދައުވާގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ވަނީ ދަމަހައްޓާފައެވެ.
ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު 21 ވަނަ ދުވަހު، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެ އަނެއް ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރިއެވެ. އަދި މި މުއްދަތު ހަމަވާން އެއް ދުވަސް އޮއްވާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއެވެ.
މި ބަންދު އަމުރުތަކާ މެދު ހިތްހަމަނުޖެހިގެން ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް ހައިކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ އަމުރުތައް ދަމަހައްޓާފައެވެ. މީގެ އިތުރުން، އޭސީސީގެ ބައިވެރިވުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް ތަހުގީގުކުރެވިދާނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް ވެސް ޝަމްއާން އެދުނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް، އޭސީސީގެ ބައިވެރިވުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން ވަނީ ބާތިލުކޮށްފައެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ ހެކިންނަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީ ޝަރީއަތް ނިމެންދެން ބަންދުކުރި ކުރުން ގޯސް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ބަންދު އަމުރު ދެމެހެއްޓުމަށް ތާއީދުކުރައްވާފައެވެ.



