މެދުއިރުމަތީގައި މިހާރު އީރާނާއި އިސްރާއިލާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ވުރެ ވެސް އިދިކޮޅު އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީން ގައުމަށް ގެއްލުމެއް ދޭން ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ވެސް އިސްކަންދީފައިވަނީ ފަތުރުވެރިކަމަށް ގެއްލުންދިނުމަށް ކަމަށެވެ.
"އެމްޑީޕީއަކީ މި ރާއްޖޭގައި އޮތް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ. އެމްޑީޕީއަކީ އެންމެ ގިނައިން ދައުލަތުން އާމްދަނީ ވެސް ލިބޭ ޕާޓީ އަދި އެ ފައިސާއަށް ވާ ގޮތެއް ނޭނގުނަސް. އެހެންނަމަވެސް ހިތާމައެއް އެބައޮތް. ހިތާމައަކީ މި ހަނގުރާމައަށްވުރެ، މި ގައުމަށް އެމްޑީޕީގެ ފަރާތުން ލިބޭ ގެއްލުން ބޮޑުކަން،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޔޫރަޕްގެ ގައުމުތަކަށް އެމްޑީޕީގެ ވެރިން ވަޑައިގެން، ރާއްޖޭގެ ފަތުރުވެރިކަން 'ބޮއިކޮޓް' ކުރުމަށް ގޮވާލާފައިވާކަން ތާރީޚުން ވެސް ފެންނަން އޮތް ކަމެކެވެ.
އީރާން-އިސްރާއީލް ހަނގުރާމައިގެ މައްސަލައިގައި ސަރުކާރުން މިހާރު ވެސް ދަނީ ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން ކަމަށް ފަލާހު ވިދާޅުވިއެވެ. މިގޮތުން ހަނގުރާމަ ހިނގާ ސަރަހައްދުގައި ތިބި ދިވެހީންގެ ހާލަތު ފޮރިން މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެފައިވާ ކަމަށާއި، އިގްތިޞާދީ ގޮތުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވެފައިވާ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.



