11 ފެބުރުވަރީ 2026
މާފަރު އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ފެންވަރަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި

މާފަރު އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ބަދަލުވުމަކީ އިޤްތިޞާދަށް ލިބުނު ބޮޑު ކުރިއެރުމެއް: ވަޒީރު ސަޢީދު

މާފަރު އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ބަދަލުވެގެން ދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވުނު މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެއަރޕޯޓަށް މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމާއެކު، މާފަރު އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފައެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި ނ. އަތޮޅަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ތަރައްޤީވެފައިވާ އަތޮޅެކެވެ. އެގޮތުން އެ އަތޮޅުގައި މަތީފަންތީގެ ރިސޯޓްތައް ހިމެނޭގޮތަށް 2500 އެއްހާ އެނދު މިހާރުވެސް އޮޕަރޭޓްކުރަމުން އަންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށާއި ފަތުރުވެރިކަން އޭގެ ޒާތުގައި ވަރުގަދަކުރުމަށާއި އަދި ފަތުރުވެރިކަމުގެ ތެރެއިން އިތުރު ދާއިރާތަކަށް ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރަށް ރާއްޖޭގެ އިޤްތިޞާދީ ސިނާއަތްތައް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އަރިސްކުރަން،" ވަޒީރު ވިދާޅުވިއެވެ.

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފްލައިޓް ޖައްސާ އެއަރޕޯޓެވެ. މި އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭ 2850 މީޓަރަށް ދިގުކޮށް، ބޮއިންގ 777-އީއާރް300 ފަދަ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ވަނީ ތަރައްޤީކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު