15 ޖަނަވަރީ 2026
ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް، ފޮޓޯ: މަޖިލިސް

ދެން އަންނަ ވެރިންނަށް ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެހެން ގާނޫނުތައް ބައްޓަންކުރާނެކަމަށް ފަލާހު ވިދާޅުވެއްޖެ

މި ސަރުކާރުން ގާނޫނުތައް ބައްޓަންކުރަމުން ގެންދަނީ ދެން އަންނަ ވެރިންނަށް ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ގޮތަށްކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ފަލާހު ހުށަހަޅުއްވާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މި ބިލަކީ ވަރަށް މުހިންމު ބިލެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ފެހި ޤާނޫނުއަސާސީއަށް 17 އަހަރު ވެގެން ދިޔައިރުވެސް މިފަދަ ބިލެއް ފާސްކޮށްފައި ނެތްކަން ފާހަގަކުރެއްވިއެވެ.

"ގައުމުތަކުގެ ވެރިންނަށް މި އަންނަނީ ތަފާތު ވައްތަރުގެ ވެރިން. ބައެއް ވެރިންނަކީ ވެރިންނަށް ލިބޭ ބާރުތައް، ނަހަމަ ގޮތުގައި ބޭނުންކުރާ ވެރިން. އަނެއް ބައި ވެރިންނަކީ އެ ބާރުތައް ބޭނުންކުރުމުގައި އެބޭފުޅުންނަށް ތަންދޮރު ވަކި ނުވެ ތިބެ ބާރުތައް ބޭނުންކުރާ ވެރިން," ފަލާހު ވިދާޅުވިއެވެ.

29 މާއްދާ އެކުލެވޭ މި ބިލުގެ މަޤްޞަދަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ވޯޓަށް އެހޭ އުސޫލުތައް ޤާނޫނުގައި ހިމެނުންކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލަށް އެހުމުގެ ބިލެއް ސަރުކާރުން ހުށަހެޅުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމުގެ ކަންކަން ހަމަޖެހޭ އުސޫލުން އިޚްލާޞްތެރިކަމާއެކު ގެންދަން ބޭނުންވާކަމުގެ ހެއްކެއްކަމަށް ވިދާޅުވިއެވެ.

ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތަސް، ބޭނުންހާ ގޮތަކަށް ބިލުތައް ފާސްކުރުމަކީ ރަނގަޅުގޮތް ނޫނެވެ. ވަކިން ޚާއްޞަކޮށް ދައުރު ދިގުކުރުމުގެ ބިލުތަކާއި، އެއްވެސް އުސޫލެއް ނެތި މަޤާމުތަކުގައި ތިބޭ ބޭފުޅުން އަޒުލުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު