އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއްކަމަށް ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަ ކުރެވޭ ކަމަށެވެ. އެއީ އެކަން ހުއްދަ ކަމަށް ބުނާ ރައުޔަކާއި ހުއްދަ ނޫން ކަމަށް ބުނާ ރައުޔެކެވެ. އެ ދެ ރައުޔު ވެސް ބިނާވެފައި ވަނީ ދަލީލު ތަކުގެ މައްޗަށް ކަމަށް އެ މަޖިލީހުން ބުންޏެވެ.
ނުރަ ޖެހުމުން އިސްތަށިގަނޑު ކަޅު ކުރުމަކީ ބައެއް ދިވެހީން ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ކަޅު ކުލަ ޖެއްސުން ހުއްދަ ނުވާނެކަމަށް ބުނާ ރައުޔު ދިވެހީންގެ ތެރޭގައި އޮތީ ޢާންމުވެފައެވެ. އެހެންކަމުން އޭގެ ބަދަލުގައި ބައެއް މީހުން ހީނާފަތް އަޅައި އުޅެއެވެ.
މިއީ އިޖުތިހާދީ މައްސަލައަކަށް ވާތީ އެ ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ބުނެއެވެ.
ނަމަވެސް އިސްތަށިގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަކަމަށް ބަޔާންކޮށްފައިވެއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށް އުފައްދާފައިވާ މަޖިލީހެކެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންއައި ފިގުހު އެކެޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރެވެ. މިހާތަނަށް އެމަޖިލީހުން ނެރެފައިވަނީ ޖުމްލަ 42 ފަތުވާއެވެ.



