13 ޑިސެންބަރު 2025

ވާހަކަ: ހިރިގާ މަތިން 19 ވަނަ ބައި

 

ނުހާ އީތަންދެކެ ލޯބިވާކަން އެއީ އަދި ޕަރީއަށް އެނގިފައި ނެތްކަމެވެ. ޕަރީއަށް ވެގެން ދިޔަގޮތުން އީތަން އައިސް އިށީނދެއްޖެއެވެ.

"ނުހާއަކަށް ނޭނގޭނެ ނުހާ އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް އެނގޭކަމެއް. އަހަރެން ބޭނުމެއް ނޫން ޕަރީވެސް ނުހާއާ މިވާހަކަ ދައްކަން. ދެން ޕަރީވެސް މިކަމާ ކަންބޮޑުވާނެ ކަމެއް ނެތް. އަހަރެންނާ ނުހާއަކީ ހަމައެކަނި ދެ އެކުވެރިން."

އީތަންގެ ވާހަކައަށް އެއްވެސް އެއްޗެއް ނުބުނެ ޕަރީ އިހުތިޔާރު ކުރީ ހިމޭންކަމެވެ. ނުހާއާއި އީތަންގެ މެދުގައި ވަނީ ފާއިޒާމެންނާއި އީތަންއާ އޮތް ކަހަލަ ގުޅުމެއް ނޫންކަން ޕަރީއަށް މިވިސްނުނީ އަދިކިރިޔާއެވެ. ނުހާ އީތަންދެކެ ލޯބިވާކަން އެނގިހުރެ އީތަން ޕަރީއަށް ސިއްރު ކުރީތީ ޕަރީ ހިތްހަމަ ނުޖެހިއްޖެއެވެ. ނުހާގެ ކޮނޑުގައި ހިފާލައިގެން އީތަން އުޅުނުއިރު އަޅާނުލާ ޕަރީ ހުރީ އެ ދެމީހުންގެ ގުޅުމާމެދު އެފަދަ ގޮތަކަށް ވިސްނަން ޕަރީއަށް ނޭނގުނީމައެވެ.

"ކީއްވެ އެއްޗެއް ނުބުނީ. އަހަ…"

ކުއްލިއަކަށް ޕަރީ އީތަންގެ އަތްފޮޅުވާލައިފިއެވެ. އީތަންއަށް ލިބުނީ ސިހުމެކެވެ. ރުންކުރު ނަޒަރަކުން އީތަންއާ ހަތަރުކަޅި ހަމަކުރުމަށް ފަހު އަނގައިން ވެސް ނުބުނެ ޕަރީ އީތަންއަށް ފުރަގަސް ދެމުން އޮށޯވެ ބޮލުގައި ބާލިސް އަޅައިފިއެވެ. އީތަން ގޮވައި ގޮވައި ވަރުބަލިވި އިރުވެސް ޕަރީ ލޯވެސް ހުޅުވާނުލިއެވެ. އެވާހަކަ ބުނިއިރު ޕަރީ އެހާ ރުޅި އައިސްދާނޭ ކަމަކަށް އީތަން ހީވެސް ނުކުރެއެވެ.

އެރޭ ކާނެ އެއްޗެހި އޯޑަރު ކޮށްގެން ގެނައީ އީތަންއެވެ. ނަމަވެސް ނުހާ އަދި ޕަރީވެސް އީތަންގެ އަޑަށް ދިނީ ބީރުކަންފަތެކެވެ. ޕަރީގެ ލިޔެކިއުންތަށް އީތަންގެ އަތަށް އެރޭ ލިބުނުއިރު އެގާރަ ޖަހައިފިއެވެ. އެލިޔުންތަށް ލިބުމުން އީތަން ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. ނަމަވެސް ނުހާއާއި ޕަރީ އީތަންއަށް ރުޅި މޫނު ދައްކައިގެން ތިބުމުން އީތަން ހުރި މާޔޫސްވެފައެވެ. އެރޭ ނުނިދާ ހޭލާ އީތަން އިނީ ސޯފާގައެވެ. އީތަން ސޯފާގައި އިށީނދެލައިގެން އިންދާ ހަތަރެއް ޖަހައި ބޮޑުވެއްޖެއެވެ. ފުރަން ދާން ވަގުތު ކުޑަތަންވުމުން އީތަން ގޮސް ވަނީ ކޮޓަރިއަށެވެ. އަރާމު ނިންޖެއްގައި ޕަރީ އޮތްތަން ފެނުމުން އީތަން ޕަރީއާއި އޭނާގެ އަންނައުނު ދަބަހަށް އަޅާ ދަބަސް ތައްޔާރު ކޮށްލައިފިއެވެ. ގެންގުޅޭ ހުރިހާ ސާމާނެއް ދަބަހަށް އަޅައި ޒިބު އަޅުވާލުމަށް ފަހު އީތަން ނުކުތީ ކޮޓަރިން ބޭރަށެވެ. ފުރުމުގެ ކުރިން ނުހާއާ ބައްދަލު ކުރަން ބޭނުންވާތީ އީތަން ގޮސް އެކޮޓަރީގެ ދޮރުގައި ޓަކި ދީފިއެވެ. ނުހާއަށް ހޭލެވުނީ އެއަޑަށެވެ. ނަމަވެސް އިއްޔެގެ ހަނދާން އައު ވެގެން ދިއުމުން ނުހާ އޮތްގޮތަށް އޮތީއެވެ. އީތަންއާ ބައްދަލުކުރަން ނުހާގެ ހިތެއް ނޭދުނެވެ. އީތަން ދެތިން ފަހަރަކު ދޮރުގައި ޖަހާލުމުން ވެސް ނުހާގެ ޙަބަރެއް ނުވިއެވެ.

"ނުހާ. ދޮރުހުޅުވަބަލަ. މަ ފުރަން ދާންވެއްޖެ."

އީތަން ގޮވާލީ ދޮރުގައި ތަންކޮޅެއް ބާރަށް ޖަހާލަމުންނެވެ. ލޯމަރާލަމުން ނުހާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. ނުހާ ދޮރުހުޅުވަން ބޭނުން ނުވަނީކަން ވިސްނުމުން އީތަން ދެރަވިއެވެ. ނުހާއާ ބައްދަލު ނުކޮށް ރަށަށް ދާން އީތަން ބޭނުމެއް ނޫނެވެ. ނަމަވެސް އިއްޔެ ކުރެވުނު ކަންތަކަށް މާފަށް އެދި ދޮރުހުޅުވުމަށް އާދޭސް ކުރުމުން ވެސް ނުހާ ދޮރެއް ނުހުޅުވިއެވެ. އެންމެ ފަހުން ކަރުއެލުވާލަމުން އީތަން ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު ޕަރީ ދިޔައީ ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުންނެވެ. ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރިކަން އެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ދިޔައީ ހެކިވަމުންނެވެ. އީތަން އައިސް ވަނުމާއެކު ޕަރީ ހުއްޓިއްޖެއެވެ.

"ނުހާ ރުޅި އައިސްގެން އެއުޅެނީ ކީއްވެކަން މަށަށް އެބަ ވިސްނޭ. އެކަމަކު ޕަރީގެ މައްސަލައަކީ ކޮބާތަ.؟"

ހައިރާންވެފައި ހުރެ އީތަން އައިސް ހުއްޓުނީ ޕަރީގެ ކުރިމަތީގައެވެ. ޕަރީ މުއްކަވާލީ ދެބުމަ ގޮށްޖަހާލަމުންނެވެ.

"މީހަކަށް މީހަކު ދެކެ ލޯބިވެވިދާނެ. އެއީ އަމިއްލަ އިހުތިޔާރުގަ އޮންނަ ކަމެއްތަ.؟"

އީތަން އަހާލީ ޕަރީއާ ހުރެ ހައިރާންވެފައެވެ. ދަތްވިކާލަމުން އައިސް ޕަރީ ހުއްޓުނީ އީތަންގެ ކުރިމަތީގައެވެ.

"އަހަރެމެންގެ ތެރޭގަ އޮންނަ އުސޫލަކީ ދެމީހަކަށް އެކަކުދެކެ ލޯބިވެވިއްޖެނަމަ ބަލިމީހާގެ ދުވަސް ދުއްވާލުން. އޭނާއަށް ދިިރިހުރުމުގެ އެއްވެސް ހައްގެއް ނޯންނާނެ. އެހެންނޫނީ…"

"އަހަރެމެންނަކީ އިންސާނުން. ޕަރީގެ ގަދަފަދަކަން އިންސާނުންގެ މައްޗަށް ދައްކަން ނޫޅޭށޭ އެންމެ ފުރަތަމަ ދުވަހު ވެސް އަހަރެން ބުނިންދޯ."

އީތަންގެ ރާގު ބަދަލުވެގެން ދިއުމުން ޕަރީގެ ރުޅި އިންތިހާއަށް ގަދަވެގެން ހިނގައްޖެއެވެ.

"އަހަރެންނަށް ވުރެ އޭނަ މުހިންމު ވީތަ. ކަލޭމެން އިންސާނުންނަކީ މަކަރުގަދަ ބައެއް. ދޮގު ހަދާ…"

"ހުއްޓާލާ."

އީތަންގެ އަޑު ދިޔައީ ބާރު ވެގެންނެވެ. ސިއްސައިގެން ދިޔަ ޕަރީއަށް ޖެހިލެވުނީ ފަހަތަށެވެ.

"ރޭ އަހަރެން އެހާ ރީތިކޮށް ޕަރީއަށް ވިސްނައި ދިނީމާވެސް ތީތަ ޕަރީއަށް ވިސްނުނު އެއްޗަކީ."

އަޑުހަރުކޮށް ޕަރީއާ ދިމާއަށް އެއްޗެއް ނުބުނާ އީތަން އައިސްފައި ހުރި ރުޅި ފެނުމުން ޕަރީ މައިތިރިވެއްޖެއެވެ. އީތަން ނެގީ އެނދުމަތީ އޮތް ދަބަހެވެ.

"ރަށަށް ދަންޏާ އާދޭ. ޕަރީއަށް އިތުރަށް ވިސްނައި ދޭން މަ ބޭނުމެއް ނޫން."

ދެފަޔަށް ބާރުލަމުން އީތަން ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. ދެލޯ ބޮޑުކޮށްގެން ޕަރީ ބަލަން ހުއްޓައި އީތަން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ގިނައިރެއް ނުވެ ޕަރީ ވެސް ބޭރަށް ނުކުމެއްޖެއެވެ. ނަމަވެސް އީތަންގެ މޫނަށް ދެވަނަ ފަހަރު ޕަރީ ބަލައިވެސް ނުލިއެވެ. ނުހާއާ ބައްދަލު ނުކޮށް ފުރަންޖެހުމުން ވެފައި ހުރި ދެރައަށް ވުރެން ބޮޑު މާޔޫސްކަމެއް އީތަންއަށް ލިބިގެން ދިޔައީ ޕަރީގެ ސަބަބުންނެވެ. އީތަންއާއި ނުހާގެ ގުޅުމަށް ޕަރީ ޝައްކުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެންމެ ފުރަތަމަ ޕަރީއާ ބައްދަލުވީ ދުވަހުން ފެށިގެން ވެސް އެންމެ ގިނައިން އީތަން ޕަރީ ކައިރީ ދައްކާފައި އޮންނާނީ ނުހާއާއި މުރުޝިދާގެ ވާހަކައެވެ. އެގެއިން އެދެމީހުން ނުކުތްއިރު ކޮޓަރީގެ ބެލްކަނީގައި އެމަންޒަރު ދެކެން ނުހާ ހުއްޓެވެ. ޓެކްސީއެއް މަޑުކުރުވައި ޕަރީ ކާރަށް އަރަން ދޮރުފަތް ހުޅުވާލަ ދެމުން އީތަން މައްޗަށް ބަލާލީ އެއްވެސް ހާލެއްގައި ނުހާ އެތަނުގައި ހުރެދާނެ ކަމަށް ހީކޮށްފައެއް ނޫނެވެ. ނުހާ ބަލަން ހުރިތަން ފެނުމުން އީތަން އަވަސް އަވަހަށް އަތުން ހަނާއަޅާލައިފިއެވެ. ޕަރީއަށް ވެސް ބަލާލެވުނީ މައްޗަށެވެ.

"މަ ވަރަށް ގޮވިން ނުހާއަށް. އެކޮޅަށް ދެވުނުހާ އަވަހަކަށް ގުޅާނަން އިނގޭ."

އީތަން ގޮވައިލީ ނުހާއަށް އަޑު އިވޭހާ ބާރަށެވެ. ދެބުމަ ގޮށްޖަހާލަމުން ޕަރީ ބަލާލީ އީތަންގެ މޫނަށެވެ. ނުހާ އެއްވެސް އެއްޗެއް ނުބުނެ ވަނީ އެތެރެއަށެވެ. ފުރުމުގެ ކުރިން ނުހާ ފެނިލުމުން އީތަން ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެއެވެ. ނުހާ އެތެރެއަށް ވަނުމުން ޕަރީގެ މޫނަށް ބަލާލި ގޮތަށް އީތަން ހިމޭންވެއްޖެއެވެ. އީތަންއަށް ފެންނަން ހުރީ ހަމައެކަނި ޕަރީގެ ދެލޮލެވެ. އެދެލޮލުގެ ރީތި ނޫކުލައަށް ވަނީ އަނދިރި ކުލައެއް އަރާފައެވެ.

"ދެން ކިހާ ދެރަކަމެއް ތީ. ދާން ހިނގާ."

އީތަން ޕަރީގެ ބޮލުގައި ހިފައި ކާރުތެރެއަށް ވެއްދުމަށް ފަހު އެތެރެއަށް ވަދެ އިށީނދެއްޖެއެވެ. އީތަން އޭނަދެކެ ލޯބިވާ އިތުރު އަންހެނަކާ ހުރެ އެހާ ވަރުވެގެން އުޅޭތަން ފެނުމުން ޕަރީއަށް އެކަންވީ ބަލައިގަނެވޭ ވަރަށް ވުރެން ބޮޑުކަމަކަށެވެ. ލާންޗު ތެރޭގައި ވެސް ޕަރީ އިނީ އީތަންއާ ދުރަށް މޫނު އަނބުރާލައިގެންނެވެ. އުޅެ ބޮޑުވި މާހައުލު ދޫކޮށް އީތަންއަށް ޓަކައި ޕަރީ ވާންޖެހުނީ ބޮޑު ގުރުބާނީއެކެވެ. ނަމަވެސް އީތަންއަށް އެވަރު ނުވިސްނުނީތާއެވެ.

ލާންޗު ރަށަށް ބަނދަރު ކުރިއިރު މުރުޝިދާއާއި ކުދިވެރިން ތިބީ ޕަރީއަށް މަރުހަބާ ކިޔުމަށް އައިސް ބަނދަރުގައެވެ. ޕަރީ ލާންޗުން ފޭބުމާއެކު ޒާން ޕަރީގެ ގައިގާ އޮޅުލައިގެންފިއެވެ. ޕަރީ ޒާން އުރާލީ ނުހަނު ލޯބިންނެވެ. އެންމެން އެކުގައި ގެއަށް އައިސް ވަނުމުން ގޭތެރެއިން ޕަރީއަށް މަރުހަބާކީ ފާއިޒާއާއި ޝާޔާއެވެ. ނަމަވެސް އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވާތީ ޕަރީ ގޮސް ވަނީ ކޮޓަރިއަށެވެ. ދެމީހުންގެ މެދުގައި މަސްލަހަތު ރަނގަޅު ނޫންކަން އެންމެނަށް ވިސްނެން ގިނައިރެއް ނުނެގިއެވެ. ކިހިނެއް ވީތޯ މުރުޝިދާ އީތަންއާ ކުރި ސުވާލުތަކަށް އީތަން ޖަވާބެއް ނުދިނެވެ. ޕަރީ ގޮވައިގެން ކާން އަންނާނެކަމަށް ބުނެފައި އީތަން ގޮސް ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. އޭރު ފެންމާގަނޑުން ފެން އޮހޭ އަޑު އިވިއިވި ހުރުމުން އީތަން ގޮސް ހުއްޓުނީ ފާހާނައިގެ ދޮރުމަތީގައެވެ. އޮހެމުން ދިޔަ ފެނުން ތެމި ފޯވެފައި ޕަރީ އިނެވެ. ކަޅިވެސް ޖަހާނުލާ ޕަރީ ބަލަމުން ދިޔައީ އޭނާގެ ފިނދުފަތްގަނޑަށެވެ. އީތަންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

"ތުއްތަ ކާން އަންނާށޭ ގޮވަގޮވާ އޮއްވާ އައިސް ތި އިންނަނީ."

އީތަން ގޮސް އިށީނީ ޕަރީގެ ކައިރީގައެވެ. ޕަރީ އީތަންގެ މޫނަށް ބަލާލާ ހިތެއް ނުވިއެވެ.

"ނުހާ ނޫނަސް ދެތިން އަންހެނަކު އުޅޭ މަދެކެ ލޯބިވާ. އެއީ މައްސަލައެއް ނޫނޭ. މީހަކަށް މީހަކު ދެކެ ލޯބިވެވިދާނެދޯ. ޕަރީ އުޅޭގޮތުން ހީވަނީ އަހަރެން ނުހާދެކެ ލޯބިވެގެން އުޅެނީހެން."

އީތަން ލޯބިން ހިފާލީ ޕަރީގެ އަތުގައެވެ. ޕަރީ އެއަތް ދަމައިގަންނަމުން ބަލާލީ އީތަންގެ ދެލޮލަށެވެ.

"މީހަކު އަހަރެންދެކެ ލޯބިވާކަން އެނގިހުރެ އަަހަރެން އޭނާގެ ކޮނޑުގައި ހިފައި ބައްދައި ހެދީމާ އީތަން ހެވިފަ ހުންނާނަންތަ.؟"

ޕަރީގެ ސުވާލުން އީތަންއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އީތަންއަށް ޖަވާބެއް ދޭން ނޭނގުމުން ޕަރީ މޫނު އަނބުރާލީ ކުރިމައްޗަށެވެ.

"އޭނައާ ބެހޭގޮތުން ހުރިހާ ވާހަކައެއް ދެއްކި އިރުވެސް އޭނަ އީތަންދެކެ ލޯބިވާކަން އީތަން އޮތީ އަހަރެންނަށް ސިއްރުކޮށްފަ. އަހަރެން މިތަނަށް އައީ ހުރިހާ އެއްޗެއް ދޫކޮށްލާފަ. އަހަރެންގެ ގެދޮރު ދޫކޮށްލާފަ. މަންމަ ދޫކޮށްލާފަ. އީތަންގެ ކޮންމެ އިޝާރާތަކަށް އަހަރެން ކިޔަމަންވިން. އެއީ އެންމެނަށް ދޮގު ހަދާ އޮޅުވާލިއަސް އަހަރެންނަށް އީތަން އޮޅުވާނުލާނެކަން އެނގޭތީ. އެކަމަކު މަންމަ ބުނީ ތެދެއް. އިންސާނުންނަކީ ހީލަތްތެރި ބައެއް."

ޕަރީ ވާހަކަ ދައްކަމުން ދިޔައިރު ބަސްހުއްޓިފައި އީތަންއަށް ބަލަން އިނދެވުނީ ޕަރީގެ މޫނަށެވެ. އިންސާނުނާއި އެކު ޕަރީ އުޅެންފެށިތާ އަދި މިވީ ހަފުތާއެއްހާ ދުވަހެވެ. އީތަން ޕަރީ ގެނައިރު ރީތިކޮށް ދެބަސް އެއްކޮށްގެން ކިޔަން ޕަރީއަށް ނޭނގެއެވެ. ނަމަވެސް އެހާ ކުޑަދުވަސްކޮޅަކުން ޕަރީގެ ވާހަކަ ދެއްކުމާއެކު މިޒާޖުވެސް އެވަނީ ބަދަލުވެފައެވެ. އެކަހަލަ ވާހަކަތަކެއް ދައްކަން ޕަރީގެ ސިކުނޑިއަށް ވިސްނަން އެނގިދާނެކަމަކަށް ވެސް މީގެ ކުރިން އީތަން ގަބޫލު ނުކުރެއެވެ. ނަމަވެސް މިހާރު، ބުއްދިގަދަ ވިސްނުން ތޫނު އަންހެނަކާއި ޕަރީއާ އެއްވެސް ތަފާތެއް ނެތެވެ. މިހާ އަވަހަށް އެހާބޮޑު ބަދަލެއް ޕަރީއަށް އައިސްދާނޭ ކަމަކަށް އީތަންއަށް ހިޔާލަށް ގެނެވިފައި ވެސް ނެތެވެ.

"އީތަން ދޭ މިތަނުން. އަހަރެން ބޭނުމެއް ނޫން ވާހަކަ ދައްކަން."

ޕަރީ އީތަން ފޮނުވާލަން އުޅުމުން އޯގާތެރިކަމާއެކު އީތަން ހިފާލީ ޕަރީގެ އަތުގައެވެ.

"ފުރަތަމަ ފަހަރު ކަމަށް ބަލާފަ މަށަށް މާފުދީ. އަހަރެންގެ ފަރާތުން ޕަރީ ނުރުހޭ ކަހަލަ އެއްވެސްކަމެއްް ދެން ނުފެންނާނެ. އަހަރެން އެއްވެސްކަމެއް ޕަރީއަށް ސިއްރެއް ނުކުރާނަން."

އީތަން މަސައްކަތްކުރީ ޕަރީ ރުއްސާލާށެވެ. ނަމަވެސް ޕަރީ އީތަންގެ މޫނަށް ބަލައެއް ނުލިއެވެ. އެތަށް ވާހަކައެއް ދެއްކުމުން ވެސް ޕަރީ އިހުތިޔާރު ކުރީ ހަނުހުރުމެވެ. އެންމެ ފަހުން އީތަން މަސައްކަތްކުރީ ޕަރީ ހެއްވާލާށެވެ. ގިލިގިލި ކޮށްޓައި ސަމާސާކޮށް ލޯބިން ޖެއްސުންކުރަން ފެށުމުން ރުޅި އައިސްގެން މާގިނައިރަކު ޕަރީއަކަށް ނުހުރެވުނެވެ. ދާދި އަވަހަށް އީތަން ޕަރީ ހެއްވާލައިފިއެވެ.

 

ފެންވަރާލައިގެން ދެމީހުން އެކުގައި އަތުގުޅާލައިގެން ކޮޓަރިން ނުކުތްއިރު ގޭގެ އެންމެން ތިބީ އިންތިޒާރުގައެވެ. ޕަރީ ހަމަޖެހިފައި ހުރިތަން ފެނުމުން މުރުޝިދާ ހިތްހަމަޖެހިއްޖެއެވެ. އެންމެން އެކުގައި ގޮސް އިށީނީ ކާމޭޒު ދޮށުގައެވެ.

    "ދެން ޕަރީގެ ބޮޑުދައިތަ ކީކޭ ބުނީ.؟"

    ގޮޑީގައި ހަމަޖެހިލަމުން ފާއިޒާ އަހާލިއެވެ.

    "އެއްބަހެއް ނުވި އަންނަން. އެކަމަކު މާދަމާ އަހަރެމެން ރަން ކިޔާނަން."

    އީތަން ދިނީ އުފާވެރި ޚަބަރެކެވެ.

    "ދަރިފުޅު ދެރަވާނެކަމެއް ނެތް. މިގޭގެ ހުރިހާ ކުދިން ވެސް ދެކެނީ ދަރިފުޅު ތީ މިހާރު ހަމަ މިގޭ ކުއްޖެއްގެ ގޮތަށް. ދަރިފުޅު މިނިވަންކަމާއެކު މިގޭގަ އުޅެންވީ. ދަރިފުޅަށް އެއްޗެއް ބުނާނެ އެކަކުވެސް ނޫޅޭނެ."

     މުރުޝިދާ ފިރުމާލީ ޕަރީގެ ބޮލުގައެވެ. ހިނިތުންވެލައިގެން އިނދެ ޕަރީ ބޯޖަހާލިއެވެ.

     "މަންމާ ޒުހުރީބެ ކައިރީ ބުނެބަލަ މިއަދު ހަވީރު ޕަރީ ގޮވައިގެން ދުއްވާލަން ދާން ސައިކު ދީބަލާށޭ."

     "މިހާރު ހިތަށް އަރާދޯ ކިޔެވުނު ނަމައޭ. ގައިމު ސައިކަލެއް ގަންނާނެހާ ލާރި ލިބުނީހެއްނު."

     ޝާާޔާގެ ވާހަކައިން އީތަންއަށް ދޫކޮށްލެވުނީ މައި ނޭވާއެކެެވެ.

     "އާނ. އަސްލު މަ ދެރަވޭ މިހާރު ނުކިޔެވުނީތީ."

     "އަަދިވެސް ކިޔެވޭނެ. އީތަންގެ ހިތްވަރެއް އޮތީ. އަތުގަ ސުމާޓު ފޯނެއް އޮތިއްޔާ ހުރިހާކަމެއް ވެސް ކުރެވޭނެ."

      ފާއިޒާގެ ވާހަކައަށް އީތަން ޖަހާލީ ހިނިގަނޑެކެވެ. އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީ އީތަން ދައްކަންފެށީ އެހެން ވާހަކައެކެވެ. ދެތިން ދުވަހަށް ފަހު ފާއިޒާމެނާއި ދިމާވުމުން އީތަން ދައްކާނެ ގިނަ ވާހަކަ ހުއްޓެވެ. ރަނގަޅަށް ކައި ހަދާލައިގެން އީތަން ޕަރީ ގޮވައިގެން ދިޔައީ މުރުޝިދާއާއެކު ސައިޓަށެވެ. މުފުޝިދާ ސައިކަލުގެ ވާހަކަ ބުނުމުން ޒުހުރީ ވަގުތުން އީތަންގެ އަތަށް ތަޅުދަނޑި ދީފިއެވެ. ނަމަވެސް އީތަން ސައިޓުން ނުކުތީ އެދުވަހު ކުރަން ހުރި ހުރިހާ މަސައްކަތެއް ނިންމުމަށް ފަހުގައެވެ. އީތަން ބުރަކޮށް މަސައްކަތް ކުރާތަން ފެނުމުން ޕަރީ ވެސް ދިޔައީ ހަސީނާމެންނަށް އެހީތެރިވަމުންނެވެ ނަމަވެސް ޕަރީ ކުރިމަސައްކަތަށް ވުރެން ގިނައީ ޕަރީ ކެއި މަހެވެ. އެންމެ ހިނދުކޮޅަކަށް ޕަރީ އަނގަ ހުއްޓާނުލައެވެ. އެކަން ފާހަގަކުރެވި ޕަރީއަށް ދެން މަސް ކައިގެން ނުވާނޭ ކަމަށް އެންގީ އީތަންއެވެ. އެދުވަހު ހަވީރަށް މަސައްކަތް ނިމުމުން އީތަން ޕަރީ ގޮވައިގެން ގެއަށް އައީ ސައިކަލުގައެވެ. ދެމީހުން ފެންވަަރާލައިގެން ހަވީރު ފިނިބުރެއް ޖަހާލަން ރަށުތެރެއަށް ނުކުތްއިރު ފަހެއް ޖަހައިފިއެވެ. އީތަން ޕަރީ ގޮވައިގެން ނުކުމެ އުޅޭތަން ފެނުމުން އެތަށް ބައެއްެގެ ނަޒަރު އެދެމީހުންނަށް ހުއްޓުނެވެ. ނަމަވެސް އެމީހުން ހަމަ ލޮލުން ދެކެލަން ބޭނުންވި ޕަރީ އިނީ މޫނުއަޅައި ފަރުދާވެގެންނެވެ. ރަށުގެ އެކިއެކި ތަންތަން ޕަރީއަށް ދައްކަމުން އަތިރިމަގުން ދުއްވާލާފައި ދިޔަ އީތަން އަށް ސައިކަލް މަޑުކޮށްލެވުނީ ކުއްލިއަކަށް ބާރު ސުޕީޑުގައި ސައިކަލް ދުއްވާލާފައި އައިސް ލާމިއު އާއި ޒިދާން އެމީހުންގެ ކައިރިއަށް ސައިކަލު މަޑުކޮށްލުމުންނެވެ. ހެވިފައި ތިބި އެދެމީހުން ފެނުމުން އީތަންއަށް ލިބުނީ ހައިރާންކަމެކެވެ.

       "ކަލޭމެން މިނިވަންވީ ކޮންއިރަކު.؟"

        "ކަލޭ ފުރައިގެން މާލެ ދިޔަ ދުވަހު. ތީ ކޮންކަހަލަ މީހެއް. މުރުޝިދާއްތަ ފެނިގެން ކަލޭ ކޮބާހޭ އަހާލިހާ އިރުން ކިރިޔާ މަ ރޮލާ ދިރުވާނުލީ."

    ލާމިއު ހިނިގަނޑެއް ޖަހާލިގޮތުން އީތަންގެ ގާތަށް ވެސް ހިނިއައެވެ.

    "ތިމަންގެ އީތަން ދެން ކަލޭމެންނާއެކު ގެންގޮއްސިއްޔާ ތިމެންނަގެ ހުރި ނުލަފާކަން ދައްކާލާނަމޯ ބުނީ."

       "މަ ކައިރިއަކު ނުވެސް ބުނޭ ކަލޭމެން ދޫކޮށްލި ވާހަކަ. ޕަރީ މީ މަގެ ވަރަށް ގާތް ދެއެކުވެރިން. މީ ލާމިއު ދެން އެއީ ޒިދާން. ކަލޭމެންގެ ފަހަރި މީ އިނގޭ. މާދަމާ ރަންކިއަން މިއުޅެނީ."

       އީތަން ޕަރީއަށް އެދެމީހުން ތައަރަފު ކޮށްދިނުމުން ޕަރީ އަތްދިއްކޮށްލީ ސަލާމަށެވެ. ވަގުތުން އެއަތުގައި ހިފައިި ލާމިއުއާއި ޒިދާން ސަލާންކޮށްލައިފިއެވެ.

       "ސަޅި އިނގޭ. އަސްލު ކަލޭ ކުރީގެ އުޅުން ދޫކޮށްލި ވާހަަކަ އަޑު އިވުނީމަ މަ ގަބޫލެއް ވެސް ނުކުރަން. އެހެން ހުއްޓާ ފަހަރިގެ ވީޑިއޯއެއް ފެނުނީ. އެހާ ހިސާބުން ޔަގީންވެއްޖެ ކަލޭ ހަމަ އިސްލާހު ވީކަން. ކަލޭ ތީ ނަސީބުގަދަ މީހެއް. ފަހަރި ނަމަނަމަ މިގޮލާ ދޫކޮށްލާފަ ނުދާތި. ވަރަށް ބޮޑު ގުރުބާނީއެއް އެވީ ފަހަރިގެ ހައްގުގަ."

       ލާމިއު ދައްކާލި ވާހަކައިން އީތަން ބަލަން އިނީ ހިިނިއައިސްފައެވެ. އެމީހުން ފެނުމުން އީތަން ހަގީގަތުގައި ހީކުރީ އެމީހުން އުޅޭނީ އީތަންގެ ސިކުނޑިއާ ކުޅެލައިގެން އަލުން އެމީހުންނާއެކު އީތަން ގެންދާން ކަމަށެވެ. ނަމަވެސް ހީކުރިގޮތާއި ހިލާފަށް އެމީހުން ވާހަކަ ދައްކަން ފެށުމުން އީތަންއަށް ލިބުނީ ބޮޑު ހިތްހަަމަޖެހުމެވެ.

       "ކަލޭމެނަށް ތިވަރު ވިސްނުނީތީ ވަރަށް ހިތްހަމަ ޖެހިއްޖެ. މަބުނީ މިރަށުން ޕަރީ ކައިރިއަށް ރަންކިއަން ފޮނުވާނެ ދެމީހަކު ހޯދަދީބަލަ. މަށާ ވަރަށް ގުޅުން ނޯވެ މިރަށު މީހުން."

       "ތީ އެއްވެސް ކަމެއް ނޫނެއްނު. އަހަރެމެން ދެމީހުން ހިނގައިދާނަން."

        ޒިދާން ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.

        "ނޫނޭ ތިކަހަލަ ކަންކަން ކުރާކަށް މަށަކަށް ނޭނގޭނެ. އެކަމަކު ކަލޭ ހާސްނުވޭ. ދެމީހުން ހަމަޖައްސާލާފަ މިރޭ ކަލޭއަށް މަ ދޭނަން ނަންބަރު."

        "އާނ. މިވަގުތު ދެން ގޮސްލީ. ކައިވެނި ކުރާ ދުވަހު ކުޑަވަރެއްގެ ސައެއް އޮންނާނެ. ކަލޭމެން ވާނެ އަންނަން."

        ސައިކަލް ދުއްވާލަން ތައްޔާރުވެލަމުން އީތަން ބުނެލިއެވެ.

        "އަދި މަޑުކޮށްބަލަ. މާލެއިން އައްލެ ދިމާވިތަ. ރޭ އެގޮލާ އޭނަގެ ގޭގެ ކުޑަދޮރުން ބޭރަށް ފުންމާލައިގެން އުޅެނީ. ހަތަރުވަނަ ބުރިން."

        ލާމިއުގެ ވާހަކައިން އީތަންއަށް ހީވީ އޭނާގެ މެއަށް މީހަކު ހަންޖަރެއް ކޮށްޕާލި ހެންނެވެ. އެމީހުން އެބުނި އައްލޭއަކީ އިއްޔެ ޕަރީ އަަތުގައި ނުޖެެހެން ވެގެން ހަޅޭއްލަވަމުން ދުވެ ފިލި އަސްލަމްއެވެ. އެކަކުވެސް ސަލާމަތްނުވާނެއޭ ޕަރީ ބުނެލި ބަސް ހީވީ އަލުން އީތަންގެ ކަންފަތް ދޮށުގައި ގުުގުމައިގަތް ހެންނެވެ.

        "ދެން މިހާރު އޭނަ ކޮބާ.؟"

        "މަރެއްނު ވާނީ. ބޮއެގެނޯ ހުރީ."

       ލާމިއު ދެކޮނޑު އަރުވާލަމުން ބުނެލިއެވެ. އީތަންއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ހައިރާންވެފައި އީތަންއަށް ބަލާލެވުނީ ފަހަތު އިށީނދެލައިގެން އިން ޕަރީގެ މޫނަށެވެ. އީތަން ބަލާލުމާއެކު ޕަރީ މޫނު އަނބުރާލައިފިއެވެ. އަސްލަމު ފުންމާލުމުގައި ޕަރީގެ އަތެއް ވާކަމާމެދު އީތަންއަށް ވީ ޝައްކު ޔަގީންކުރެވުނީ ޕަރީ އީތަންއާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވުމުންނެވެ.

      "އޯކޭ. އައްޑާއަށް މިދަނީ. ކަލޭ އިސްލާހު ވިޔަސް ގޭގެ ބާކީ ކާއެތިކޮޅެއް ހުރިއްޔާ އަހަރެމެންނަށް ގެނެސްދޭން ވާނެ."

    ބުނެލާފައި އެދެމީހުން ބޫން ކަނޑާފައި ސައިކަލުގައި ހިނގައްޖެއެވެ. ސައިކަލު ދުއްވާލަން ވެސް ނޭނގިފައި އީތަންއަށް ބަލަން އިނދެވުނީ ލާމިއު ދިޔަ ދިމާއަށެވެ. ޕަރީ އަނގައިން ވެސް ނުބުނެ ފަހަތުގައި އިނެވެ. އެތަނުގައި ހުރެ ޕަރީއާ ސުވާލުކުރަން ބޭނުން ނުވާތީ އީތަން ސައިކަލު އަނބުރާލީ ގެއާ ދިމާއަށެވެ. އެންމެ ކުރު މަގަކުން ގެއަށް ދިއުމުގެ ނިޔަތުގައި ގޯޅިތަކުން ވަދެގެން ކުރިއަށް ދިޔަ އީތަން ކުއްލިއަކަށް ސައިކަލް މަޑުކޮށްލީ ޕަރީ އީތަންގެ ކޮނޑުގައި ހިފައި ތަޅުވައި ގަތުމުންނެވެ.

      "ކިހިނެއްވީ.؟"

      އީތަން ބަލާލީ ފަހަތަށެވެ. އޭރު ޕަރީ ބަލަން ހުރީ އައިކޮޅަށެވެ. ސައިކަލު މަޑުކޮށްލުމާއެކު އަވަސް އަވަހަށް ސައިކަލުން ފައިބަމުން ޕަރީ ހިނގައިގެންފިއެވެ.

       "ޕަރީ ކިހިނެއްވީ.؟"

       "އަހަރެންގެ ބައްޕަ."

        ޕަރީ އީތަންއަށް ޖަވާބު ދިނީ އައިކޮޅަށް އިނގިލި ދިއްކޮށްލަމުންނެވެ. ސައްތާރުބޭގެ ގެ ހުރީ އެގޯޅީގެ ކަންމަތީގައެވެ. އަވަސް ހިނގުމެއްގައި ކުރިއަށް ދިޔަ ޕަރީގެ މިސްރާބު ވެސް ހުރީ އެދިމާއަށެވެ. ސައްތާރަށް ޕަރީ ފެނިއްޖެނަަމަ ދެން ވެދާނެގޮތެއް ހިތަށް އެރުމުން އީތަން ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. ދުވެފައި ގޮސް އީތަން އެރީ ޕަރީގެ ކުރިމައްޗަށެވެ.

       "އަހަރެން ބޭނުމެއް ނޫން ޕަރީ ސައްތާރުބެއާ ބައްދަލު ކުރާކަށެއް."

        އިން ޕަރީއަށް ލިބުނީ ހައިރާންކަމެކެވެ.

        "އެއީ ކީއްވެ.؟"

         "ހިނގާ ދާން. ޕަރީ.."

        އީތަން ޕަރީގެ އަތުގައި ހިފަން އުޅުމުން ޕަރީ ޖެހުނީ ފަހަތަށެވެ.

        "އަހަރެން ވެސް ބޭނުމެއް ނޫން އީތަން އީތަންގެ މަންމައާ ބައްދަލު ކުރާކަށެއް."

        ލޯބިވާ ބައްޕައާ ބައްދަލުނުކޮށް އެތަނުން ނުދާން ޕަރީ އަޒުމެއްގައި ހުރި ކަހަލައެވެ.

        "އަހަރެންގެ މަންމައަކަށް ނޭނގޭނެ ޕަރީ ތީ ކާކުކަމެއް. އެކަމަކު ޕަރީގެ ދެލޯ ފެނުނަސް ސައްތާރަށް އެނގޭނެ ތީ ކާކުކަން. ފެނުޕަރީއޭ ކިޔާފަ ދައްކާނޭ އާ ވާހަކައެއް ނުފެނިފަ ހުންނަ މީހެއް އެއީ."

        އީތަން މަސައްކަތް ކުރީ ޕަރީއަށް ވިސްނައި ދޭށެވެ.

        "ބައްޕައަކަށް ނޭނގޭނެ އަހަރެން. އަބަދުވެސް ދުރުދުރުން އަހަރެން ބައްޕަ ދުށީ. މަންމަވެސް ބޭނުމެއް ނުވޭ އަހަރެން ބައްޕައާ ބައްދަލު ކުރަން. އެކަމަކު އަހަރެން ބޭނުން ބައްޕަ ދެކެލަން."

        ޕަރީ ގޮތްދޫނުކުރާނެކަން އެނގުމުން އީތަން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އިތުރު އެއްޗެއް ނުބުނެ އީތަން ރުޅި އައިސްފައި ބަލަން ހުރީ ޕަރީގެ މޫނަށެވެ.

       "މިހާރު ކީއްވެ ތިބަލަނީ. އަހަރެންގެ ބައްޕައޭ އެއީ."

        "އަސްލަމް މަރާލީ ޕަރީތަ.؟"

       އީތަން ކުރީ މުޅިން އެެހެން ސުވާލެކެވެ. ދެއަތް އުރާލަމުން ޕަރީ މޫނު އަނބުރާލައިފިއެެވެ.

        "އަހަރެން ރޭ އޮތީ ކޮޓަރީގަ. ބޭރަކަށް ނުދަމެއްނު."

        "ޕަރީ ދޮގުހަދަން މަސައްކަތް ނުކުރޭ."

        އީތަން އިނގިލި ދިއްކޮށްލީ ޕަރީގެ މޫނަށެވެ.

       "އަހަރެން ފަހުން އޭނަ ނުދެކެން. އެކަމަކު އޭނަ ބިރުގަންނުވާލީ އަހަރެން. އޭނައަށް އަބަދުވެސް އަހަރެންގެ ބިރުވެރި ހަނދާންތަށް އުނދަގޫ ކުރާނެ. ހަމަނިދި ނުލިބޭނެ. އަހަރެން ބުނީމެއްނު އެކަކުވެސް ސަލާމަތެއް ނުވާނެއޭ."

       ޕަރީ ދައްކާލި ވާހަކައިން އީތަން ދެލޯ ބޮޑުކޮށްގެން ބަލަން ހުރީ ޕަރީގެ މޫނަށެވެ.

       "ތީގެ މާނައަކީ ކުޑޭއާއި މޫސަވެސް މަރުވާނެއޭތަ.؟"

       "އަހަރެންނަކަށް ނޭނގެ. އެމީހުން އަހަރެން މަތިން ހަނދާން ކުރިހާ ދުވަހަކު އެމީހުންނަށް ހަމަޖެހުމެއް ނުލިބޭނެ. އެއީ ދެން އަހަރެންގެ ކުށެއްތަ."

       އީތަން ގިނަ ސުވާލު ކުރަން ފެށުމުން ޕަރީ ވެސް އައީ ރުޅިއެވެ. އީތަން ދެއަތުން ހިފެހެއްޓީ ބޮލުގައެވެ. ޕަރީ ހިނގައިގަތީ ސައްތާރުގެ ގެއާ ދިމާއަށެވެ. ސައްތާރު ފެންނަން ނެތަސް ލޯބިވާ ބައްޕަގެ ވަސް ޕަރީއަށް އެބަ ދުވައެވެ. ކައިރީގައި ބައްޕަ ހުރިކަމުގެ އިހުސާސް ޕަރީއަށް އެބަކުރެއެވެ. އީތަންއަށް ބަލަން ހުރެވުނީ ޕަރީއާ ދިމާއަށެވެ. ޕަރީ ބަދަލުވަމުން އެދަނީ އީތަންއަށް ޕަރީ ކިޔަމަންތެރި ނުކުރެވޭނެހާ އަވަސްމިނެއްގައެވެ. ދުވަހަކަށް ވުރެން ދުވަހެއް ޕަރީ އެދަނީ އޭނާގެ އަސްލަށް ވާސިލުވަމުންނެވެ. ޕަރީ އީތަންދެކެ އިންތިހާއަށް ލޯބިވާކަން އީތަންއަށް ޔަގީނެވެ. ނަމަވެސް އީތަންއަށް ޕަރީ ހިފަހައްޓާ ނުލެވޭނަމަ ކުރިއަށް އޮތްތަނުގައި ފުރާނައިން އަތްދޮވެލަން ޖެހޭނީ އަސްލަމް ކަހަލަ ކިތަށް މީހުންކަމެއް ވެސް ނޭނގެއެވެ. ޕަރީ ދާތަން ބަލަން އީތަންއަކަށް ނުހުރެވުނެވެ. ފަހަތުން ގޮސް އީތަން ހިފީ ޕަރީގެ އަތުގައެވެ. ޕަރީއަށް ބަލާލެވުނީ އީތަންގެ ދެލޮލަށެވެ.

        "މިއަދުން ފެށިގެން ޕަރީގެ ސަބަބުން އެއްވެސް އިންސާނަކަށް އަނިޔާވެއްޖިއްޔާ އަހަރެން ހަނދާން ނައްތާލާނަން ތީ އަހަރެން ލޯބިވި އަންހެން ކުއްޖެކަން. މޫސަ ނޫނީ ކުޑޭ މަރުގެ މަރުގެ ހަބަރު ލިބުނަސް ބޯހަރޭއަށް ޕަރީ ފޮނުވާލާނަން."

      "އަހަރެން އަމިއްލައަށް ހިނގައިދާނަން."

      އީތަންގެ އިންޒާރަށް ސިހުމެއްނެތި ޕަރީ އީތަންގެ އަތްފޮޅުވާލައިފިއެވެ. ބާރަށް ހިނގާފައި ގޮސް ޕަރީ އެރީ ސައިކަލުގެ ފަަހަތަށެވެ. ސައްތާރުބެ މަތިން ހަނދާންނައްތާލައި ޕަރީ ސައިކަލަށް އެރުމުން އީތަން ބާރަށް ހިނގާފައި ގޮސް ސައިކަލަށް އަރާ ދުއްވާލައިފިއެވެ. ގޭގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލުމާއެކު ޕަރީ ދުވެފައި ގޮސް އީތަންގެ ކޮޓަރިއަށް ވަދެ ދޮރުޖަހައިފިއެވެ. އީތަން އައިސް ގެއަށް ވަންއިރު ސޯފާގައި އިށީނދެލައިގެން އިން ޝާޔާ އިނެވެ.

      "އަދި މިއުޅެނީ ކައިވެނި ނުކުރެވިގެން. ކިހާ ދުވަހަކު ކެތްކޮށްލެވޭނެބާ.؟"

     ޝަޔާ ދިމާކޮށްލާ ރާގެއްގައި ބުނެލިއެވެ. އޭރު ކުޅެން ތިބި ކުދިންތަށް ވެސް ބަލަހައްޓައިގެން ތިއްެބެވެ. ޕަރީގެ ދިފާއުގައި ބުނާނެ އެއްވެސް އެއްޗެއް އީތަންއަކަށް ނުވިސްނުނެވެ.

     "އަހަރެން ކުރިންވެސް ބުނިން އޭނަގެ ރީތިކަމަށް އެކަނި ބަލައިގެން ކައިވެނި ކުރަން ނުވިސްނާށޭ. އަންހެނަކު އެހާ ރީތި ވެއްޖިއްޔާ ހުންނާނެ ބޮޑާކަމެއް ވެސް."

     " ތިކަހަލަ އެއްވެސް ކަމެއް ނުވޭ. ތިއްތަ ރަނގަޅު ވާނީ ބަހެއް ނުކިޔާ ހުރިއްޔާ."

     "އަހަރެން ހުރެދާނަން ބަހެއް ނުކިޔާ. އެކަމަކު ތިވަރުން ދަންޏާ މާގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވޭނެ. އެންމެ ފުރަތަމަ މިރަށަށް އައިއިރު ރީތިކޮށް ވާހަކަ ދައްކަން ވެސް އޭނައަށް ނޭނގޭކަމަށް ހަދައިގެން އޭނަ އުޅުނީ. އެކަމަކު މިހާރު އޭނަ މާމޮޅު އަހަރެމެން ދިވެހިންނަށް ވުރެ. މަށަށް އެނގޭހާ ވެސް އެއްޗަކީ އެއްވެސް މީހަކު އެންމެ ހަތް ދުވަހުން އެހާ ދޫފަރިތައެއް ނުވާނެ. ކުރިން ހީވަނީ މައުސޫމް ކަމުން ދެންމެ އުފަންވެގެން އުޅޭ ތުއްތު ކުއްޖެހެން. އެކަަމަކު މިގޭގަ އުޅެން ބޭނުމިއްޔާ ދުވަސްކޮަޅަކުން ހީވަނީ އަހަރެމެން ވެސް ޖެހޭނީ އޯޑަރަށް ކިޔަމަންވެގެން އުޅެންހެން. އަދިވެސް ތަނަކުން އަންހެނަކު ފެންނަ އިރަށް…"

     "ޝާޔާ."

     މުރުޝިދާގެ އަޑު އިވުމުން ޝާޔާއާއި އީތަންއަށް އެކުގައި ބަލާލެވުނީ މުރުޝިދާގެ ކޮޓަރިއާ ދިމާލަށެވެ. ނަމާދަށް ތައްޔާރު ވެގެން ހުރި މުރުޝިދާ އައިސް ހުއްޓުނީ ޝާޔާގެ ކުރިމަތީގައެވެ. ޝާޔާގެ ވާހަކަތަކުން މުރުޝިދާ ހުރީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ.

      "ޝާޔާއާ ބެހޭކަމެއް ނޫން އެއީ. ކޮންމެ މީހެއްގެ ވެސް ހުންނާނެ ގޮތެއް. ޕަރީއަކީ ނުބައިކުއްޖެއް ނޫން. އާއިލާއާ އެންމެން ދޫކޮށްލާފަ މިތަނަށް އެމަންޖެ އައިސްެގެން އެއުޅެނީ އީތަންއަށް އިތުބާރުކޮށްފަ. ޝާޔާގެ ފަހަރި އެއީ. މައްސަލަ ނުޖެހޭ ދެމަފިރިއެއް މި ދުނިޔޭގަ އެބައުޅޭތަ. ޖެހުނު މައްސަލައެއް މި ދެކުދިން އެކުގާ ތިބެގެން ހައްލު ކުރާނެ. ހައްލު ނުވެއްޖިއްޔާ ދެން ހަދަންވީ ގޮތެއް ވެސް އެނގޭނީ މިކުދިންނަށް. އެކަމުގެ ތެރެއަށް އާއިލާ ވަންނަން ނުޖެހޭނެ."

      މުރުޝިދާ އެއްޗެހި ކިޔަން ފެށުމުން ޝާޔާ ބާރަށް ހިނގާފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. މުރުޝިދާ ބަލާލީ އީތަންގެ މޫނަށެވެ

     "މަންމައަށް ފެނޭ އީތަން ކޮންމެ ކަމެއްގަ ޕަރީއަށް އަމުރު ކުރާތަން. ހެވާއި ނުބައި ވަކިނުވާވަރުގެ ކުޑަކުއްޖެއް ނޫން އެއީ. މިހާރު ހުންނާނީ ފެންބޮވިފައޭ ކިޔާފަ ޕަރީ ބޮއެބޮއެ ހުންނަ ފެންތަށި އީތަން ކިތަށް ދުވަހު އަތުލައިފިން. މަސް ކާހިތްވާ ކުއްޖެއް އެއީ. އެކަމަކު މިއަދު އެކަން ވެސް އީތަންއަށް ވީ ބޮޑުކަމަކަށް. ތިގޮތަށް ހަރުކަށިކަން އަންހެނެއްގެ މައްޗަށް ދައްކައިގެން ލިބޭނެ މޮޅެއް ނޯންނާނެ. ތިހެން އުޅޭ ފިރިހެނުންނާއެކު ހިތްހަމަޖެހިގެން އެއްވެސް އަންހެނަކަށް ނޫޅެވޭނެ. އުޅެންވީ ކިހިނެއްކަން އެމަންޖެއަށް ވެސް އެނގޭނެ. ކޮޓަރިން ނުކުންނަންވީމަ އީތަންގެ ހުއްދަ ހޯދަން އެމަންޖެ ނުޖެހޭނެ."

     "މަންމައަކަށް ނޭނގޭ…"

     "މަންމަ ބޭނުމެއް ނޫން އަޑުއަހާކަށް. ޕަރީ އައިސް އެއުޅެނީ އޭނާގެ ގެދޮރާއި އާއިލާ ދޫކޮށްލާފަ. އެހެންވީމަ އޭނައާމެދު ހިތުހުރި ހަރުކަށިކަން ދައްކަން ހަދާނޭކަމެއް ނެތް."

      އީތަންގެ ވާހަކަ އަޑުއެހުމެއްނެތި މުރުޝިދާ ގޮސް ކޮޓަރިއަށް ވަދެ ދޮރުޖަހައިފިއެވެ.

      "އެއީ ކާކުކަން މަންމައަށް އެނގިއްޖިއްޔާ ބުނާނެ ޗޭނު ޖަހާފަ ކޮޓަރީގަ ބަންދުކޮށްފަ ބައިންދާށޭ. އެންމެންގެ ރައްކަލަކަށްޓަކާ މަ އުޅޭއިރު ވެސް ގޯސްމިވީ މަށެއްނު."

     ކުދި ކިޔަމުން އީތަން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ޕަރީ ފެންނާކަށް ނެތެވެ. އީތަން ގޮސް ފާހާނައިގެ ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ދެތިން ފަހަރު ޕަރީއަށް ގޮވާލާފައި އީތަން ގޮސް ޖައްސާލީ އެނދުގައެވެ. މުރުޝިދާ ދެއްކި ވާހަކައާމެދު ވިސްނާލުމުން ޕަރީއާމެދު އީތަންއަށް ކަންތަށް ކުރެވެމުން މިދަނީ ރަނގަޅަށް ނޫންކަން އީތަންއަށް ވެސް ވިސްނެން ފަށައިފިއެެވެ. ޕަރީގެ ކުރިމަތީގައި ހަރުކަށިކަމާއި އަމުރުވެރިކަން އިސްކުރަން ނޫޅެ ލޯބިން ވިސްނައިދީގެން އުޅެން ފަށައިފިނަމަ އީތަންއަށް ޕަރީ ކިޔަމަން ކުރެވިދާނެއެވެ. ޕަރީ ހުރިހާ އެއްޗެއް ދޫކޮށްލާފައި އީތަންގެ ކައިރިއަށް އައިސްެގެން އެއުޅެނީ އިންތިހާއަށް އީތަންދެކެ ލޯބިވާތީއެވެ. ވީއިރު އީތަންއާ ވަކިވަން ޕަރީވެސް ބޭޭނުމެއް ނުވާނެއެވެ. ހިޔާލާއި ފިކުރުތަކުން ސިކުނޑި ފުރާލައިގެން އޮއްވާ އީތަންއަށް ނިދިއްޖެއެވެ. ރޭ ހަތަރުދަމު ހޭލާ ހުރުމުން އީތަން ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ފުންނިންޖެއްގައި އީތަން ވަނިކޮށް ރެއަށް އިރުއޮއްސި އަނދިރިވެއްޖެއެވެ. މަގުރިބު ނަމާދަށް ފަހު އިޝާނަމާދު ވަގުތު ފަސްދީ ދިޔައިރު ވެސް އީތަން އޮތީ ނިދާފައެވެ. މުރުޝިދާ އީތަންއަށް ކާން ނުކުންނަން ގޮވީ ދިހައެއް ޖެހިއިރު ވެސް ޕަރީއާއި އީތަން ބޭރަށް ނުނުކުތުމުންނެވެ.

     "އީތަން. ނިދަނީތަ. ޕަރީ."

     އީތަންއަށް ހޭލެވުނީ މުރުޝިދާ ގޮވާއަޑަށެވެ. އެންމެ ފުރަތަމަ ވެސް އީތަންއަށް ފެނިގެން ދިޔައީ ކޮޓަރި ތެރެއަށް ވެރިވެފައި އޮތް ކަނު އަނދިރިކަމެވެ.

     "އީތަން. ޕަރީ ގޮވައިގެން ކާން ނުކުމޭ. މަންމަ މިދަނީ އޮށޯންނަން. އީތަން."

     "އާނ މަންމާ. މިދަނީ. މަންމަ ދޭ ނިދަން."

     މުރުޝިދާއަށް ޖަވާބު ދެމުން އީތަން ބަލާލީ ފާހާނައިގެ ދޮރާއި ދިމާއަށެވެ. އެދޮރު ހުރީ ހުޅުވާފައެވެ. ފާހާނައިގެ ލައިޓު ހުރީ ދިއްލާފައެވެ. ވަށައިގެން ކޮަޓަރިތެރެއަށް ބަލާލުމަށް ފަހު އީތަން ގޮސް ހުއްޓުނީ ފާހާނައިގެ ދޮރުމަތީގައެވެ. ނަމަވެސް ފާހާނަތެރޭގައި ވީ ހަމަހިމޭންކަމެވެ. ޕަރީ ފެންނާކަށް ނެތެވެ.

   "ޕަރީ."

    އީތަން ކޮޓަރީގެ ބޮކި ދިއްލާލަމުން ރީތިކޮށް ކޮޓަރި ތެރެއަށް ބަލާލައިފިއެވެ. އެންމެ ފުރަތަމަ އީތަންގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ހުޅުވާފައި ހުރި ކުޑަދޮރެވެ. ދެލޯ ބޮޑުވެގެން ދިޔަ އީތަންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ.

ނުނިމޭ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު