ރާއްޖޭގައި އެޅުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލުގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ނިމި، ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރުންގެ "އަހާ ފޯރަމް"ގައި ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ވަޒީރު ވިދާޅުވީ ކެންސަރު ބަލި ތަޙައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއްދޭ މަސައްކަތެއް ކަމަށެވެ.
"ކަރުދާހުގެ ލެވެލްގައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ވެ ނިމިފައި. މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ޖެނެރޭޝަން ބޭންއެއް ތަޢާރަފުކޮށް، އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކޮށް، އަދި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ރާއްޖޭގެ ފުރަތަމަ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނާފައިކަން ފާހަގަކުރެވެއެވެ.



