ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަށް ކުރިއަށްގެންދާ ގައުމީ މަޝްރޫޢަށް ރަށްރަށުން މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްރަށްވެހިންގެ ހަނދާންތައް އެއްކުރުން ނުވަތަ އޯރަލް ހިސްޓްރީ އެއްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ފެށުމަށް އެ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ. ވަޒީރުގެ ވާހަކަފުޅުގައި، ފާއިތުވި 50 ނުވަތަ 60 އަހަރު ތެރޭގައި ރާއްޖެ ދުށް ދުވަސްވީ މީހުންގެ ކިބައިގައި ވަރަށް ގިނަ ދިވެހިވަންތަ ހުނަރުތަކެއް ހުންނާނެކަމަށް ފާހަގަކުރެއްވިއެވެ.
"ދިވެހިންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން އަޅުގަނޑުމެން މިދެންނެވި މަސައްކަތް އެކިއެކި ރަށްރަށާއި ގުޅައިގެން ފުރަތަމަ މީހުން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް އެބަ ކުރިއަށްގެންދަން،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން އެއްކުރެވޭ މަޢުލޫމާތުތަކުން ގައުމު ފާއިތުވި 50 އަހަރު ދަތުރުކޮށްފައިވާ މިސްރާބާއި، ދިވެހިން އެމީހުންގެ އަމިއްލަވަންތަ ސިފަތައް ގެންގުޅެފައިވާ ގޮތުގެ ރެކޯޑް ހޯދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޢުލޫމާތުތަކަކީ ރާއްޖޭގެ ރަށްރަށް ތަރައްޤީކުރުމުގައި އަދި ދިވެހިވަންތަކަން އިއާދަކުރުމަށް ބޭނުންކުރެވޭނެ މުހިންމު މަޢުލޫމާތުތަކެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢު މިއަހަރުގެ ތެރޭގައި ރަސްމީކޮށް އިފްތިތާހުކުރުމަށް ވަނީ ރޭވިފައެވެ.



