މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ޖަލުގައި މަސައްކަތްކުރާ ގައިދީންނަށް ދެމުން އައި އެލަވަންސް މުރާޖާކޮށް، އެ އެލަވަންސްތައް ބޮޑުކޮށްފައެވެ. މި ބަދަލާއެކު، މަސައްކަތްކުރާ ގައިދީންނަށް ދުވާލަކަށް އެންމެ ދަށްވެގެން 50 ރުފިޔާ އަދި އެންމެ މަތިވެގެން 150 ރުފިޔާ ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މީގެ ކުރިން ގައިދީންނަށް ދެމުން އައީ ދުވާލަކަށް 30 ރުފިޔާއެވެ. މި އަގުތައް ކަނޑައެޅިފައިވަނީ 20 އަހަރު ކުރިން ކަމަށްވުމާއެކު، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް އެލަވަންސްތައް މުރާޖާކުރުމަށްފަހު މި ބަދަލު ގެނެސްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ.
ޖަލުގައި ގައިދީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ވެލްޑިންގ، އަތްތެރި މަސައްކަތް، ދަނޑުވެރިކަން، ސިމެންތި ޖެހުން، ލޯންޑްރީގެ މަސައްކަތްތަކާއި އަދި އެހެނިހެން ޔުނިޓުތަކުގެ މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްތައް ކުރުމަށް ގައިދީން އެކި ގްރޭޑްތަކަކަށް ބަހާލެވިފައިވެއެވެ.
ޖަލުގައި ދިގު މުއްދަތަކަށް ޙުކުމް ތަންފީޒުކުރާ މީހުން މުޖުތަމަޢަށް އަނބުރާ ނުކުންނައިރު، އެމީހުންނަކީ މަސައްކަތްތެރި އަދި ހުނަރުވެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި، އެކި ބާވަތުގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ޖަލުގައި ކުރިއަށްދެއެވެ. މީގެ އިތުރުން، ގައިދީން އުފައްދާ ތަކެތި ޢާންމުންނަށް ދެއްކުމަށް އެކި ދުވަސްވަރު އެގްޒިބިޝަންތައްވެސް ބާއްވަމުން ގެންދެއެވެ.
ކަރެކްޝަނަލް ސަރވިސްއިން ފާހަގަކުރެއްވި ގޮތުގައި، ބައެއް ޚާއްޞަ މަޝްރޫޢުތަކާ ގުޅިގެން ކުރާ މަސައްކަތްތަކަށް އިތުރު އެލަވަންސްތައްވެސް ދެމުން ގެންދެވެއެވެ. މި އައު ބަދަލާއެކު، ގައިދީންނަށް ލިބޭ އެލަވަންސްތައް މިހާރުގެ ޙާލަތާ އެކަށީގެންވާ މިންވަރަކަށް ބޮޑުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.



