9 ފެބުރުވަރީ 2026
ހޮޅުދޫ ދާއިރާގެ މެންބަރު ސައްތާރު، ފޮޓޯ: މަޖިލިސް

"އާމްދަނީއެއް ލިބެން އޮތް މަގެއް ވާނަމަ، އެމްޑީޕީގެ ވެރިކަމުގައި އެފަދަ ވަސީލަތްތައް ވަނީ ވިއްކާލައި ނައްތާލާފައި"

ޤައުމަށް އާމްދަނީއެއް ލިބޭނެ އެއްވެސް މަގެއް، ކުރީގެ ސަރުކާރުތަކުން ޤާއިމުކޮށްފައި ނުވާ ކަމަށާއި، އާމްދަނީއެއް ލިބެން އޮތް މަގެއް ވާނަމަ، އެމްޑީޕީގެ ވެރިކަމުގައި އެފަދަ ވަސީލަތްތައް ވިއްކާލައި، ނައްތާލާފައިވާ ކަމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

އަތޮޅުތަކަށް ރައީސް މުއިއްޒު ކުރައްވާ ކޮންމެ ދަތުރެއް ވެސް ގުޅިފައިވަނީ ތަރައްޤީއާ ކަމަށް ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ސައްތާރު ވިދާޅުވިއެވެ. އަދި އަހަރުތަކެއް ވަންދެން ރަށްރަށުގައި ޤާއިމުނުވެ ހުރި ޚިދުމަތްތައް އިފްތިތާޙު ކުރެވި، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ސައްތާރު ވިދާޅުވީ، "ރަށްރަށުގައި ހުރި ސިއްޙީ މަރުކަޒުތަކާއި ޚިދުމަތްދޭ އެހެނިހެން ތަންތަން، ޚިދުމަތް ނުދެވޭ ހާލަތަކަށް ވެއްޓުނީ މި ސަރުކާރުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައެއް ނޫން" ކަމަށެވެ. މި ސަރުކާރުން ކުރަމުންދަނީ އެ ތަންތަން އާބާތުރަފިލުވައި، ޚިދުމަތް ދިނުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިއްޙީ ދާއިރާއަށް މިހާރު ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ސިއްޙީ މަރުކަޒުތަކުގެ އަދަދު އިތުރުވުމާއި، އަލަށް ޑައިލިސިސްގެ ޚިދުމަތް ފެށިފައިވާ ތަންތަން ހިމެނޭކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތް ފުޅާކޮށް، ރަނގަޅު ވަސީލަތްތަކާއެކު އާންމު ބަލިތަކަށް ފަރުވާ ހޯދުމަށް އުފުލަންޖެހޭ ދަތިތައް ހައްލު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސައްތާރު ވިދާޅުވީ ރައީސް މުއިއްޒު، މި ކަންކަމަށް އަމާޒުކޮށްގެން ހެޔޮ ނިޔަތުގައި، ރަނގަޅު މަޤްޞަދެއްގައި މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އޭގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށާއި، މި ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ސައްތާރު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޢެމް ޑީޕީ ސަރުކާރުން "ވިއްކާލި ނައްތާލި" ތަންތަނުގެ ނަންތައް ހާމަ ކުރެއްވި ނަމަ ވަރަށް ފުރިހަމަ ވީސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު