މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް، ކުޅިވަރު ހިންގުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ޒުވާނެއް ކަމަށްވާ މުޙައްމަދު ނަވީޒް (ނަވީ) އައްޔަނުކޮށްފިއެވެ.
ނަވީއަކީ ކުޅިވަރުގެ ދާއިރާގައި، ޚާއްޞަކޮށް ވޯޓަރ ސްޕޯޓްސްގެ ދާއިރާގައި ޢަމަލީގޮތުން މަސައްކަތްކޮށް، އެ ދާއިރާއިން ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރުމުގެ އިތުރުން، ވޯޓަރ ސްޕޯޓްސްއާއި ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އެގޮތުން، ނަވީއަކީ ސަރފިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ އާއި ބައިނަލްއަޤްވާމީ ފެންވަރުގެ ސަރފިންގ އިންސްޓްރަކްޓަރެކެވެ. ސްވިމިންގ އިންސްޓްރަކްޓަރެއްގެ އިތުރުން، އޯޝަން ރެސްކިއު އަދި ލައިފްގާޑް އިންސްޓްރަކްޓަރ ޓްރެއިނަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެއެވެ. އޭނާއަކީ ބައިނަލް އަޤުވާމީ ސާރފިންގ މުބާރާތް އިންތިޒާމުކުރާ ޓީމުގެ މުހިންމު މެންބަރެކެވެ.
ކްލަބެއްގެ ރައީސްގެ ހައިސިއްޔަތުން ޒުވާނުންނާއި ކުޅިވަރު ޕްރޮގްރާމްތައް ކުރިއެރުވުމުގައި ނަވީ ހަރަކާތްތެރިވެއެވެ. ރަށު ފެންވަރާއި ގައުމީ ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. ހަމައެހެންމެ، މުޖުތަމަޢު ބާރުވެރިކުރުވުމާއި ޒުވާނުން އެކިއެކި އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ. ފޮޓޯގްރަފީގެ ދާއިރާގައިވެސް އޭނާގެ ހުނަރުވެރިކަން ފާހަގަކުރެވެއެވެ.
2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނ. ވެލިދޫ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ނަވީއަކީ، ވެލިދޫ ދާއިރާގެ ތަރައްޤީއަށް އަދުގެ ސަރުކާރާ ގުޅިގެން މިހާތަނަށް އަމިއްލަ ހައިސިއްޔަތުންވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ޚިދުމަތްތެރިއެކެވެ. "ނަވީއަކީ ޕީއެންސީ ފަޚުރުވެރިވާނެ ފަދަ ޒުވާން ލީޑަރެއް" ކަމަށް ޕާޓީގެ އިސް ފަރާތްތަކުން ފާހަގަކުރެއެވެ. އޭނާއަށް ވެލިދޫ ދާއިރާގެ ގޮނޑި ގެއްލުނީ މަދު ވޯޓްކޮޅަކުންނެވެ.
ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރާނެ ހީވާގި ޒުވާނެއްގެ ގޮތުގައި ފާހަގަކުރެވޭ ނަވީ މި މަޤާމަށް އައްޔަނުކުރުމާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ޕާޓީގެ އިސްފަރާތްތަކުންނާއި، ގިނަ ބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
ޒުވާނުންގެ ހަރަކާތްތަކުގައި އިސްސަފުގައި ބައިވެރިވަމުން އަންނަ ނަވީ، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަނީ ޒުވާނުންނަށް ނަމޫނާއެއްގެ ގޮތުގައެވެ. އޭނާގެ ހުނަރާއި ތަޖުރިބާގެ އަލީގައި ސަރުކާރުގެ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމުގައި އިސްދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރެވެއެވެ.




ކިޔުންތެރިންގެ ޚިޔާލުތައް:
މަރުހަބާ ނަވީ! ޥެލް ޑިޒާވްޑް!
މަރުހަބާ ނަވީ