އަޒުމުކަނޑައަޅުއްވައިގެން ހުންނެވީ، މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ފަދަ ހުރަސްތަކާއި އުނދަގޫތައް، މި ސަރުކާރުގައި ކައުންސިލްތަކަށް ކުރިމަތިވިޔަނުދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި 16 ވަނަ އިޞްލާހާ ގުޅިގެން ބައެއް ފަރާތްތަކުން ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުމަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނު އެދިވަޑައިގަންނަވަނީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރެއްވުމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެމަނިކުފާނު މޭޔަރު ކަމުގައި ހުންނެވި އިރު، އޭރުގެ ސަރުކާރުން ސިޓީ ކައުންސިލަށް ކުރިމަތިކުރެއްވި ފިއްތުންތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ކައުންސިލްތަކަށް އެފަދަ ފިއްތުންތައް ކުރިމަތިވިޔަ ނުދެއްވާނޭކަމަށެވެ.
ކައުންސިލްތައް ބާރުވެރިކުރެއްވުމަށް ޤާނޫނީ ގޮތުންނާއި އެ ނޫން ގޮތްގޮތުންވެސް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ އެ މަޤްޞަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ އިނާޔަތަށް ގެންނެވި ބަދަލާއި ކައުންސިލްތަކުގެ އާ އިމާރާތްތަކުގެ މަޝްރޫޢުތަކާއި، ކައުންސިލްތަކުން މުސްތަޤިއްލުކަމާއެކު އިޤްތިޞާދީ މަންފާ ހޯދުމަށް މަގުފަހިކުރެއްވުމަށްޓަކައި، ރަށްރަށާއި ފަޅުތައް ރަށްރަށުގެ އިޙްތިޞާސްގައި ހިމެނުއްވުމާއި ރަށްރަށުގެ ބައިތަކުގެ ގޮތުގައި ހަމަޖެއްސެވުން ފަދަ ފިޔަވަޅުތަކުން އެ މަނިކުފާނު މިސާލު ދެއްކެވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ ޚިޔާލާއެކު ހުށަހަޅާ ތަރައްޤީގެ ޕްލޭނާއި ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ހުށަހަޅާ ކަންކަމަށް ސަރުކާރުން މަގުފަހިކޮށްދެއްވާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ތަފާތު ކުރެއްވުމެއް ނެތި ވަޢުދުތައް ފުއްދެވުމުގެ އަޒުމުގައި ހުންނެވިކަން ތަކުރާރުކުރައްވައި، ތަޢައްޞަބެއް ނެތި ވިސްނައިފި މީހަކަށް، ލާމަރުކަޒީ ބާރުވެރިކަމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތައް ސާފުވާނޭކަމަށް ވިދާޅުވަމުންނެވެ.



