11 ޑިސެންބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ

އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ ނަތީޖާ ހިތިވާނެ: އީރާން

ވިލާތުގެ ބާރުތަކުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އަލުން ނިންމައިފިނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ.

އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވެފައިވަނީ، އެކުވެރި ދައުލަތްތައް (އދ) މެދުވެރިކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވިލާތުގެ މައި ތިން ބާރުގެ ގޮތުގައި ބެލެވޭ ޤައުމުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެގޮތަށް ޢަމަލުކޮށްފިނަމަ، އޭގެ ނަތީޖާ ހިތިވާނެ ކަމަށް އިންޒާރު ދީފައިވާނެ ކަމަށެވެ.

އީރާންގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެ ޤައުމުން މިހާރުވެސް ދަނީ 'އީ3′ ގެ ނަމުން މަޝްހޫރު އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި އަދި ޖަރުމަނުވިލާތާއެކު މަޝްވަރާތައް ކުރަމުންނެވެ. މި ތިން ޤައުމުގެ އިސް އޮފިޝަލުންނާއެކު އީރާންގެ އޮފިޝަލުން ދާދި ފަހުން ވަނީ ސްވިޓްޒަލެންޑްގެ ޖެނީވާގައި މުހިންމު ބައްދަލުވުންތަކެއް ބާއްވާފައެވެ.

ބަޣާއީ ވިދާޅުވެފައިވަނީ އީރާނާ ދެކޮޅަށް އދ މެދުވެރިކޮށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ޙައްޤު އެ ޤައުމުތަކަށް ލިބިގެން ނުވާ ކަމަށާއި، އެކަން އެ ޤައުމުތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި އިތުރު މަޝްވަރާތަކާއެކު ކުރިއަށް ދިއުމަށް ހަތަރު ޤައުމުން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނާއި ހުޅަނގާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވަނީ އީރާންގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުންނެވެ. އީރާނުން ބުނާގޮތުގައި އެއީ ސުލްޙަވެރި ނިއުކްލިޔަރ ޕްރޮގްރާމެއް ނަމަވެސް، އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދެކެނީ އެއީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ހިންގާ ޕްރޮގްރާމެއްގެ ގޮތުގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޒާރުތަކަށް ނުސިހޭނެ ކަމަށާއި، އެމެރިކާގެ އަމުރުތަކަށް ބޯނުލަނބާނެ ކަމަށް އީރާންގެ ރޫޙީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާއީ ވަނީ ދާދިފަހުން އިންޒާރު ދެއްވާފައެވެ. އަދި ތަހްރާނާއި ވޮޝިންގްޓަނާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކަކީ ޙައްލުކުރެވޭނެ ފަދަ މައްސަލަތަކެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު