މަދަނީ ޖަމުޢިއްޔާތައް ބާރުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤުސަދުގައި ބާއްވާ "މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް" ފަށައިފިއެވެ.
މިފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުއެވެ.
މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، މިހާރު ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގައި މަސައްކަތްކުރަނީ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތައްކަމަށެވެ. އަދި މި ފަރާތްތަކަށް އެކަށީގެންވާ އިނާޔަތެއް ނުވަތަ މާލީ އެހީތެރިކަމެއް ނުލިބޭކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޤައުމީ ފެންވަރުގައި ބާއްވާ މިފަދަ ފޯރަމްތަކުގެ ސަބަބުން ޖަމްޢިއްޔާތަކުގެ ޤާބިލުކަން އިތުރުވެ، އެ ފަރާތްތަކުގެ މަސައްކަތްތައް ފުޅާވެގެންދާނެކަމަށެވެ. އަދި މާލީ ގޮތުން ޖަމްޢިއްޔާތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަގުފަހިވުމާއެކު، ޤައުމީ ފެންވަރުގައި ޖަމްޢިއްޔާތަކުގެ ދައުރު ފުޅާވެ، ނިންމުންތައް ނިންމުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުވެގެންދާނެކަމަށެވެ.
މީގެ އިތުރުން، މިފަދަ ކުރިއެރުންތަކުގެ ސަބަބުން، މަދަނީ ޖަމްޢިއްޔާތަކަކީ މުޖުތަމަޢުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ، ބާރުވެރި އަދި ހަރުދަނާ މުއައްސަސާތަކަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މިފަދަ ފޯރަމެއް ބޭއްވުމުގެ ބޭނުމަކީ، މިފަދަ ފޯޯރަމެއްގެ ތެރެއިން ރާއްޖޭގެ ގިނަ ޖަމުޢިއްޔާތަކެއް އެއްތަނަަކަށް އެއްވެ، އެ ޖަމުޢިއްޔާތަކުގެ ހުރި ތަފާތު ތަޖުރިބާތައް ޙިއްސާކޮށް، އެއް ޖަމުޢިއްޔާ އަނެއް ޖަމުޢިއްޔާއާ ގުޅިގެން ދިމާވާ ދަތިތަކަކާއި ގުޅޭގޮތުން މަޝްވާރާކޮށް، އެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާމެދު މަޝްްވަރާކުރުންކަމަށެވެ.
މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމަކީ، މަދަނީ ޖަމުޢިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތައް ދެނަގެނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމުޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމުޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެގޮތުން ބާއްވާ ފޯރަމެކެވެ. މިއީ ޒުވާނުންނާބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ ފޯރަމެކެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމުގައި 69 މަދަނީ ޖަމުޢިއްޔާގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 30 ކޮމިޓީ، އަދި 6 އަތޮޅު ކައުންސިލުން ބައިވެރިވިއެވެ. މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވަޢުދެކެވެ.



