ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީ ދުވަހާ ގުޅިގެން ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. އެމްއެންޔޫއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއެއްގެ މުއްދަތަށެވެ.
ފޮތް ހަދިޔާ ކުރާ ހަފްތާގެ ހަރަކާތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ފޮތްތަކަކީ ދިރިއުޅުމުގައި ބާރުގަދަ އެކުވެރިއެއް" ކަމަށާއި، ފޮތްތަކުން ވަރަށް ގިނަގުނަ ކަންކަމަށް މީހާގެ ލޯ ހުޅުވޭ ކަމެއް ކަަމަށެވެ. އަދި ހަދިޔާކުރާ ކޮންމެ ފޮތަކީ އަންނަން އޮތް ޖީލުތަކުގެ އުނގެނުމާއި ކުރިއެރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
މި ހަރަކާތަކީ އެމްއެންޔޫގެ ދަރިވަރުންގެ ޖަމްޢިއްޔާ، އެމްއެންޔޫ ސްޓޫޑަންޓްސް އެސޯސިއޭޝަނާއި ލައިބްރަރީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ލައިބްރަރީ އިތުރަށް ތަޢާރަފްކޮށްދިނުމާއެކު، ދެ ފަރާތް ގުޅިގެން ލައިބްރަރީގެ ތަރައްޤީއަށް މަސައްކަތްތަކެއް ކުރުމެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ހަރަކާތުގައި އެމްއެންޔޫގެ 6 ލައިބްރަރީއެއްގައި ފޮތް ހަދިޔާކުރުމުގެ ފުރުޞަތު އާންމުންނަށް ވެސް ހުޅުވާލާފައިވެއެވެ. މީގެ ތެރޭގައި ސެންޓްރަލް ލައިބްރަރީ، ހެލްތު ސައިންސަސް ލައިބްރަރީ، ބިޒްނަސް ސްޓަޑީޒް ލައިބްރަރީ، ހދ. ކުޅުދުއްފުށީ ކެމްޕަސް ލައިބްރަރީ، ގދ. ތިނަދޫ ކެމްޕަސް ލައިބްރަރީ އަދި އައްޑޫ ހިތަދޫ ކެމްޕަސް ލައިބްރަރީ ހިމެނެއެވެ.
އެމްއެންޔޫއިން ހާމަކުރެއްވި ގޮތުގައި ކޮންމެ ލައިބްރަރީއެއްގައި ވެސް ޑޮނޭޝަން ކަލެކްޝަން ޕޮއިންޓެއް ހުންނާނެއެވެ. އަދި ފޮތުގެ އިތުރުން ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދެވޭނެއެވެ. މި ހަރަކާތުގެ ދަށުން ތަޢުލީމީ ފޮތް، ދިރާސާ ރިޕޯޓު، ތީސިސް، ޑިސަޓޭޝަން، ވާހަކަ ފޮތް، އަދި ދިވެހި އަދި އިނގިރޭސި ފޮތް ހަދިޔާ ކުރެވޭނެއެވެ.



