މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން ނިންމީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޤާނޫނު އަސާސީގައި ބަޔާންކުރާ ޢަދަދަށް އެ ޕާޓީއަށް މެމްބަރުން ހަމަނުކުރެވުމާއި ގުޅިގެންކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިގޮތުގައި، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހާއި ހަމައަށް އެމްޓީޑީގައި ޤާނޫނުގައި ބަޔާންކުރާ 3000 މެމްބަރުން ހަމަނުވާތީ، މެންބަރުން ހަމަކުރުމަށް މިއަހަރުގެ ފެބްރުއަރީ 19 ގައި 3 މަސްދުވަހުގެ ނޯޓިސްއެއް ދީފައިވެއެވެ.
ނޯޓިސްގެ މުއްދަތު ހަމަވި މެއި 19 ގައި އެޕާޓީގެ ރަޖިސްޓްރީގައި ތިބީ 2277 މެމްބަރުންކަމަށާއި، އިތުރު މުއްދަތަކަށް އެދުނު ނަމަވެސް، އެއީ ޤާނޫނުން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއްވިއެވެ.
އެމްޓީޑީ އުވާލުމަށް ނިންމި ނިންމުމާއެކު، ޕާޓީގެ މުދަލާއި ދަރަންޏާމެދު ގޮތެއް ނިންމުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި، އަދި ޕާޓީން ދައްކަންޖެހޭ ދަރަންޏެއްވާނަމަ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެކަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އެމްޓީޑީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ޤާނޫނު އަސާސީން ލިބިދޭ ދުސްތޫރީ ޙައްޤު ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވަނީ ޕާޓީ އުވާލުމުގެ ނިންމުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.



