ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދަނީ ޤަތުލްޢާންމެއް ކަމަށް އެމެރިކާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޤަބޫލުކުރާކަން ކުއިނިޕިއަކް ޔުނިވަސިޓީން ހިންގި ޚިޔާލު ހޯދުމުގެ ސަރވޭއަކުން ހާމަވެއްޖެއެވެ.
މި ސަރވޭގައި ބައިވެރިވި 1,220 އެމެރިކާ ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދެކޭގޮތުގައި ޔަހޫދީން މަސައްކަތް ކުރަމުންދަނީ ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރުމަށެވެ. މިގޮތަށް ދެކޭ މީހުންގެ ތެރޭގައި 77 އިންސައްތައަކީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މީހުންނެވެ. އަދި 51 އިންސައްތައަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްނުވާ މީހުންނެވެ.
ސަރވޭގެ ނަތީޖާއިން ދައްކާގޮތުގައި، އެމެރިކާގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ 64 އިންސައްތަ މީހުން ޤަބޫލެއް ނުކުރޭ ޔަހޫދީންގެ ޢަމަލުތަކަކީ ނަސްލުހޭދުކުރުމުގެ ޢަމަލުތަކެއް ކަމަކަށެވެ. ނަމަވެސް އެ ޕާޓީގެ 20 އިންސައްތަ މީހުން ޤަބޫލުކުރަނީ ޣައްޒާގައި ޤަތުލްޢާންމެއް ހިނގަމުންދާ ކަމަށެވެ.
ސަރވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ 10 މީހަކުން 6 މީހުން އެމެރިކާއިން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމާމެދު ހިތްހަމައެއް ނުޖެހެއެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ކުއިނިޕިއަކް ޔުނިވަސިޓީން ކުރަމުންދާ ދިރާސާތަކުގައި މި މައްސަލައާމެދު ހިތްހަމަނުޖެހޭ ކަމަށް އެންމެ ގިނަ ބަޔަކު ފާހަގަކުރި ފަހަރެވެ.
ކުއިނިޕިއަކް ޔުނިވަސިޓީގެ އެނަލިސްޓު ޓިމް މެލޯއީ ވިދާޅުވި ގޮތުގައި ފަލަސްޠީނަށް އޮންނަ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު، ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމާމެދު ހިތްހަމަނުޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދެއެވެ.
އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޣައްޒާގައި 62,966 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 18,430 ކުޑަކުދިން ހިމެނެއެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ކުށްވެރިކޮށްފައެވެ.



