13 ޑިސެންބަރު 2025
ނަމާދު ކޭމްޕް - މާފަންނު މަދަރުސާ 2025، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެން: ހުކުރު ޚުޠުބާ

އުންމަތުގެ ޢިއްޒަތާއި ކަރާމާތް އަލުން އަނބުރައި އިޢާދަކުރެވޭން އޮތީ، މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި، ޢާއިލާ ބައްޓަންކޮށްގެންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، މާތް اللّٰه އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތައް ގިނަގުނައެވެ. އެ ނިޢުމަތްތަކުގެ އަގު ވަޒަން ނުކުރެވުނު ކަމުގައިވިޔަސް އެ ނިޢުމަތްތައް ދަނީ އިތުރުވަމުންނެވެ.

"اللّٰه تَعَالَى ދެއްވި މި ބޮޑު ނިޢުމަތުގެ ފޮނި މޭވާއަކީ ޒަވާޖީ ޙަޔާތުގެ ގުޅުމުން ވުޖޫދުވާ ޢާއިލާއެވެ. ޢާއިލާއަކީ ދުންޔަވީ ޙަޔާތުގެ މުޑުވަކެވެ. ޢާއިލާ ބަލިކަށިވެއްޖެ ނަމަ ދިރިއުޅުމުގެ ނިޒާމު ހަލާކުވެ، މުޖުތަމަޢުން އިންސާނިއްޔަތުކަން ނެތިދާނެއެވެ. ޢާއިލާއަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޝަރުޢީ އަދި އިޖުތިމާޢީ ހިޔާވަހިކަމެކެވެ. ހަރުދަނާ ޢާއިލާއެއް ބިނާކުރުމަކީ މާތް ﷲ ދެއްވި މި ބޮޑު ނިޢުމަތަށް ޝުކުރުކުރުމަށް އެޅޭ ފުރަތަމަ ބިންގަލެވެ." މިއަދު ޚުޠުބާގައި ވިދާޅުވިއެވެ.

ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ  އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެންކަން ފާހަގަކުރައްވައި، ޢާއިލީ ބިނާގެ އެންމެ މުހިންމު ދެ ތަނބުކަމުގައިވާ މައިންބަފައިންނަކީ ތައުޙީދާއި، ތިމާއަށް ކޮންމެހެން ބޭނުންވާ ދީނީ ޢިލްމު އުނގެނި އެއަށް، ޢަމަލުކުރާ، ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށް ވެގެން ކަމަށާއި، ދެމަފިރީންގެ ކިބައިން ދަރިންނަށް ރިވެތި މިސާލުތަކެއް ދައްކައިގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ފަސާދަޔާއި މަގުފުރެދުމާއި، ބައިބައިވުމާއި ހަމަނުޖެހުންތަކުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށް ޓަކައި ހަރުދަނާ ޢަޤީދާގެ މަތީގައި ދަރީން ތަރުބިޔަތުކުރާން ވަރަށްބޮޑު އިސްކަމެއް ވަނީ ދޭން ޖެހިފައެވެ. ދަރީންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދައި ތައުޙީދުގެ ޢިލްމު އުނގަންނައިދިނުމަކީ، ހަރުދަނާ ތަރުބިޔަތާއި ޢިލްމުތަކުގެ ކުރިބޯއްޓަށް ދަރީން ވާޞިލުކޮށްދިނުމަށް ޓަކައި ހުޅުވޭނެ އަމާން ދޮރެކެވެ. ޢަޤީދާގެ ޢިލްމު ދަރީންނަށް އުނގަންނައިދިނުމަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ އެންމެ އިސްވާޖިބުކަމުގައި ހައްދަވައިފައިވެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ، ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެން ކަމަށާއި، އޭގެތެރޭގައި ދީނުގައި އަންގަވައިފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް ޢަމަލު ނުކުރުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޣީރަތްތެރިކަން ނެތުން ފަދަ ކަންކަން ހިމެނޭ ކަމަށާއި، މި ކަންކަން ޢާއިލާގެ ތެރެއިން ނައްތައިލައި، އިސްލާމް ދީނަކީ ޢަދުލުވެރި ދީންކަމާއި، މި ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފުސުތަކުގައި މި ކަންކަން ހަރުލައްވާންވާނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ ދަރީން ފުރާވަރަށް އެރުމުން ހުރިހައި ކަމެއް ހުއްދަވީކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލައިގެންނެވެ. އުޅޭނެހައި ގޮތަކަށް އުޅޭން ދަރީން ދޫކޮށް ނުލައި، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ އިމުން ބޭރުނުވެ، ޙަޔާތުގެ ބައިވެރިޔާ އިޚުތިޔާރުކުރުމަށް ދަރީންނަށް އިރުޝާދުދީގެންނެވެ. ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ އުޞޫލުތަކުގެ މަތީގައި ޢާއިލާގެ އެންމެހައި މެމްބަރުންގެ ޢަމަލުތައް ބަހައްޓައިގެންނެވެ." މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވި ގޮތުގައި، އިސްލާމީ އުންމަތުގެ ކުރިމަގު އުޖާލާކޮށް އުންމަތުގެ ޢިއްޒަތާއި ކަރާމާތް އަލުން އަނބުރައި އިޢާދަކުރެވޭން އޮތީ، މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި، ޢާއިލާ ބައްޓަންކޮށްގެންނެވެ. އެހެންކަމުން، ކޮންމެ މަޔަކާއި ބަފަޔަކު، ދަރީން ތަރުބިޔަތުކުރުމުގައި އިސްލާމް ދީން ގެނެސްދީފައިވާ މަންހަޖާ އެއް ގޮތަށް ޢަމަލުކުރުމަކީ، މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތެވެ. ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ اللّٰه تَعَالَىގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވެ އިސްލާމީ ޝިޢާރުތަކަށް މާތްކޮށް ހިތުމަށް ދަރީންނަށް ދަސްކޮށްދީގެންނެވެ. އަދި މުންކަރާތްތަކުން ދުރުވާނެ ގޮތްތައް ދަސްކޮށްދީގެންނެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް އިސްލާމީ ޙުކުމްތަކަކީ ރަމްޒީ އެއްޗެއް ނޫންކަމާއި، އެއީ އެއަށް ޢަމަލުކުރާންޖެހޭ ޙުކުމްތަކެއްކަން ދަރީންނަށް ދަސްކޮށްދީގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު