11 ޑިސެންބަރު 2025
ޓްރަމްޕް އާއި އައްބާސް ވާހަކަ ދައްކާފައި ނުވަނީ 2017ގެ ފަހުން، ފޮޓޯ: ގެޓީ/އާކައިވް

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ފަލަސްޠީނުގެ ރައީސް ވަނުމުގެ ހުއްދަ ނުދޭން އެމެރިކާއިން ނިންމައިފި

ސެޕްޓެންބަރު މަހު އެމެރިކާގެ ނިއު ޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކުވެރި ދައުލަތްތަކުގެ (އދ.) އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދިނުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ޢައްބާސްގެ އިތުރުން ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ) އާއި ފަލަސްޠީނުގައި ވެރިކަން ކުރާ އިއްތިޙާދު، ޕަލަސްޓީނިޔަން ލިބެރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އަށް ނިސްބަތްވާ 80 މެންބަރަކަށްވެސް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދޫނުކުރުމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން ފަލަސްޠީނުގެ ރައީސްގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ އދ. ގެ މައި އިދާރާގެ ބާރުތަކާ ބެހޭ އެއްބަސްވުމާ ޚިލާފު އަމަލެއް ކަމަށް ބުނެފައެވެ. 1947 ވަނަ އަހަރު އެކުލަވާލެވުނު މި އެއްބަސްވުމުގެ ދަށުން، އދ. ގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެމެރިކާއަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވެރިންނަށް އެމެރިކާއިން ވިސާ ދޫކުރަން ޖެހެއެވެ.

"ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ނިންމާފައިވާ މި ނިންމުން ބަދަލު ކުރުމަށް އެމެރިކާގެ ސަރުކާރަށް ގޮވައިލަން. ބޭރު ޤައުމެއްގެ ވަފުދަކަށް ހުރަސް އެޅުމަކީ އެމެރިކާއާއި އދ. އާ ދެމެދު ހަދާފައިވާ އދ. ގެ މައި އިދާރާއާ ބެހޭ އެއްބަސްވުމާ ވެސް ޚިލާފު ނިންމުމެއް،"ފަލަސްޠީން ސަރުކާރުގެ އިސް ތަރުޖަމާން ނަބީލް އަބޫ ރުދަޔިނާ ވިދާޅުވިއެވެ.

މި ނިންމުމަކީ ހުޅަނގުގެ ބައެއް ބާރުތަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމުމާ ގުޅިގެން، އެކަމާމެދު ހިތްހަމަނުޖެހިގެން ރައީސް ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މި ނިންމުމާމެދު ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ބައެއް މެންބަރު ޤައުމުތަކުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު