އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު އިޢުލާނުކުރެއްވީ، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އޮގަސްޓު 30 އިންޖިނޭރުންގެ ދުވަސް ކަމުގައި ހަމަޖެއްސެވީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު 2018 ވަނަ އަހަރުގެ އޮގަސްޓު 30 ގައި އިފްތިތާހުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ސިނަމާލެ ބުރިޖު ހުޅުވިތާ 7 އަހަރު ފުރޭއިރު، މި ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިޤްތިޞާދަށް، އަދި އިޖްތިމާޢީ ހުރިހާ ޚިދުމަތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ.
2040 ވަނަ އަހަރަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލުވުމަށާއި، ޑިޖިޓަލް ރާއްޖެއެއްގެ އަމާޒަށް ވާޞިލުވުމަށް އިންޖިނޭރުންގެ ދައުރު މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އިންޖިނޭރުންގެ ޤައުމީ އެވޯޑްގެ އިތުރުން، އިންޖިނޭރުންގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދިނުމަށާއި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ ތަމްރީނު ދިނުމަށް ސަރުކާރުން ދޭ ސަމާލުކަން އިތުރުކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ޚިޠާބު ނިންމަވާލެއްވީ، ދިވެހި ކާބަފައިންނަކީ މާޒީގައިވެސް ފަންނުވެރި ހުނަރުވެރި ފާޑުވެރި ބައެއްކަން ފާހަގަކުރައްވައި، އެދުވަސްވަރުން ފެށިގެން މިއަދާ ހަމައަށްވެސް ރާއްޖޭގެ ތަރައްޤީ ނެގެހެއްޓުމުގައި ދިވެހި އިންޖިނޭރުން އަދާކުރައްވާފައިވާ ޤައުމީ ވާޖިބަށް ސާބަހާއި ތަޢުރީފު ރައްދުކުރައްވަމުންނެވެ.



