11 ޑިސެންބަރު 2025
ފުލުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ދ. ވާނީގައި ބެއްވި ރަސްމިއްޔާތުގައި، ފޮޓޯ: ފުލުހުން

ފުލުހުންނަކީ މުޖުތަމައުގެ ބަދަލުވެރިން؛ އިސްކަންދޭންވާނީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް: ސީޕީ

ދިވެހި ފުލުހުންނަކީ ހަމައެކަނި ފުލުހުން ނޫންކަމަށާއި މުޖުތަމައުގެ ބަލަދުވެރިންނަކީ ވެސް ފުލުހުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ފުލުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ދ. ވާނީގައި ރޭ ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ، މަސައްކަތުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޕްރޮފެޝަނަލްކަމާއި ހަމަހަމަކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ކޮންމެ ފުލުހަކު ވެސް ވުމަކީ މުޖުތަމައުގެ ބަލަދުވެރިންގެ ސިފައެއް ކަމަށެވެ.

ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި އިސްކަންދޭންވާނީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ގަޑިއަށް ފަރުވާތެރިވުމާއި ހެދުން އެޅުމުގައި ގެންގުޅޭ ރީތި ސިފަތަކަކީ ދިވެހި ފުލުހުންގެ ސިފަ ދައްކުވައިދޭ ރީތި ސިފައެއް ކަމުގައި ވިދާޅުވިއެވެ.

އަދި ދިވެހި ފުލުހުންގެ ޔުނީފޯމަކީ ފެންނަން ހުންނަ ހަމައެކަނި ބޭރުފުށުގެ ސިފައެއް ނޫންކަމަށާއި އެއީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމުގައެވެ. އަދި މި ނިޝާން އަބަދުވެސް ފުލުހުންގެ ހަނދާނުގައި ބަހައްޓާންވާނެ ކަމަށާއި މި ނިޝާނަށް އިހުލާސްތެރިވާންވާނެ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވައިލައްވަމުން ސީޕީ ވިދާޅުވީ ހަގީގީ ދުނިޔޭގެ ފުލުހުންގެ ގޮންޖެހުންތަކަށް، ރޭ ދަސްވެނިވި ހުރިހާ ފުލުހުން ތައްޔާރުކުރެވިފައިވާ ކަމަށާއި ކުށްކުރުމާއި މަސްތުވާތަކެއްޗާއި އިޖުތިމާއީ މައްސަލަތަކާއި ކުއްލި ހާލަތްތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ހަމައެހެންމެ، ކެތްތެރިކަމާއި އޯގާތެރިކަން އަދި އަޅާލުމާއި އިންސާފުވެރިކަމަކީ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ މައިގަނޑު އެއް އަސާސް ކަމަށާއި ދިވެހި ފުލުހުންގެ ޝަރަފުވެރި ބެޖުގެ އިއްޒަތާއި ގަދަރު ހިފަހައްޓާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު