11 ޑިސެންބަރު 2025
40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު، ފޮޓޯ: ފުލުހުން

ފުލުހުންގެ ކޮންމެ އޮފިސަރަކީ ނަޒާހަތްތެރިކަމާއެކީ މަސައްކަތްކުރާ އޮފިސަރަކަށް ވާންޖެހޭ: ވަޒީރު

ފުލުހުންގެ ކޮންމެ އޮފިސަރަކީ ނަޒާހަތްތެރިކަމާއެކީ މަސައްކަތްކުރާ އޮފިސަރަކަށް ވާންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، 40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ފުލުހުންގެ ޔުނިފޯމާއި އަދި މުޢައްސަސާގެ ކަރާމާތް ހިފެހެއްޓުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ކޮންމެ ފުލުހަކީ އެ މީހެއްގެ ވާޖިބުގައި ފުރިހަމައަށް ހުރި ފުލުހެއްކަން ރަމްޒުކޮށްދިނުމުގަ ގޮންޖެހުންތަކެއް ހުންނާނެ ފުލުހެއްކަން ވަޒީރުގެ ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ފުލުހުންގެ ތެރޭގައި މިކަން މަދު. މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މިކަން އޮތް. އެހެންނަމަވެސް އަޅުގަނޑުމެން މިދަނީ އެކަމަށްޓަކައި ފިޔަވަޅު އަޅަމުން. ކޮންމެ ފުލުހެއްގެ ކިބައިން އަޅުގަނޑު އެދެނީ މިފަދަ ކޮންމެ ކަމަކަށް އެއްވެސް ފުލުހަކު ޖާގަ ނުދިނުމަށް. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަބަދުގެ އަބަދަށް ބެލެހެއްޓުމަކީ ފުލުހުންގެ އެންމެ މަތީ އަމާޒުކަމުގައި އަބަދުވެސް ވާންޖެހޭނެ." ވަޒީރު ވިދާޅުވިއެވެ.

ޔުނިފޯމުގަ ޤައުމަށް ޚިދުމަތް ކުރުމަކީ އާދައިގެ ކަމެއްނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ޚިދުމަތް ކުރެވޭނީ ޤައުމަށް އޮންނަ ލޯތްބާއި އާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވިސްނުން ހުރެގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ފުލުހުންގެ ޚިދުމަތަކީ ޤައުމެއް ކުރިއަށްދިޔުމަށް އެ ޤައުމެއްގަ އޮންނަން ޖެހޭ މުހިންމު އަސާސްތަކެއް ހިފަހައްޓާ ޚިދުމަތެއް. އެގޮތުން ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމާއި ޤައުމެއްގައި އޮންނަން ޖެހޭ ހަމަޖެހުން ހިފެހެއްޓުމުގެ ފުރިހަމަ ޒިންމާ މި އޮންނަނީ ފުލުހުންގެ ކޮނޑުގައި އެޅިފަ. ރާއްޖޭގެ ފުލުހުންނަކީވެސް ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ މުދަލާއި، ރައްޔިތުން އުޅޭ އުޅުމުގެ ރައްކާތެރިކަން ކަށަވަރުކުރާ ފަރާތް." ވަޒީރު ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތާ ދޭތެރޭ ފަޚުރުވެރިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނީ އިޙްތިރާމާއި ޤަދަރުދޭ އަދި ހިނިތުންވުމާއެކީ ޚިދުމަތްދޭ ބަޔަކަށް ކަމަށްވެސް ވިދާޅުވެފައެވެ.

ކުށަށް އަރައިގަންނަ ހާލަތްތަކުގަ ނުވަތަ ޤާނޫނާ ޚިލާފުވާ ހާލަތްތަކުގަވެސް ފުލުހުންގެ ޤާނޫނީ ދައުރު އަދާކުރަންވާނީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މިދެންނެވި ބީދައިން ޚިދުމަތް ދޭވެނެ ގޮތަށް ފުލުހުންގެ ޚިދުމަތް ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބޭނެ ގޮތަށް މިހާރު ހިންގަމުންމިދާ ޕްރޮޖެކްޓަކީ މީގެ އެއް ނަމުނާ. ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މުހިންމު މަސައްކަތްތަކެއް މިވަގުތު ކުރިއަށްއެބަދޭ. މި ހުރިހާ މަސައްކަތްތަކެއް ރައީސް ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންނަށް އެންމެ އެދެވެފޭދަ ޚިދުމަތެއް ތިޔަ ފުލުހުންގެ ފަރާތުން ހޯދައިދިނުމަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ކޮންމެ ފުލުހަކީވެސް އިތުުރު ތަމްރީނާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ކުރުމުގެ ވިސްނުމާއި އަމިއްލަ ނަފްސް ބިނާ ކުރާނެ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.

ރޭގެ ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު