ދިވެހިރާއްޖޭގެ އިންޖިނިއަރުން ޤައުމަށް ކޮށްދޭ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަން ނިންމެވި އިންޖިނިއަރުންގެ ޤައުމީ އެވޯޑު، 7 ކެޓަގަރީއަކުން ދިނުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭ މި އެވޯޑު ކަމަށްވާއިރު، މި އެވޯޑު ދޭން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެވޯޑު ދެވޭނެ ކެޓަގަރީތަކުގެ ތެރޭގައި އަހަރުގެ އެންމެ މޮޅު އިންޖިނިއަރ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑު، ޒުވާން އިންޖިނިއަރު އެވޯޑު، ވިމެން އިން އިންޖިނިއަރިން ލީޑަރޝިޕް އެވޯޑު، ސަސްޓެއިނެބިލިޓީ ޗެމްޕިއަން އެވޯޑު، އެންމެ މޮޅު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް އެވޯޑު އަދި އެންމެ މޮޅު އިންޖިނިއަރިންގ ރިސަރޗް ޕޭޕަރ އެވޯޑު ހިމެނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖޭގައި އިންޖިނިއަރުންގެ ދުވަހެއް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ. އަދި ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ހަމަޖެއްސެވީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބްރިޖު އިފްތިތާޙުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ.
މި އެވޯޑުތައް ތަޢާރަފުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދާއިރާ ކުރިއެރުވުމާއި، އިންޖިނިއަރުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމެވެ. އަދި މި ދާއިރާއިން ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދިނުމާއި، އަންހެނުންގެ ދައުރު ފުޅާކުރުމަށް ހިތްވަރު ދިނުމެވެ.



