11 ޑިސެންބަރު 2025

ސޫރިޔާއިން ސާދަ އަހަރަށްފަހު ތެޔޮ ބޭރުކުރަން ފަށައިފި

ސޫރިޔާއިން 14 އަހަރަށްފަހު ތެޔޮ ބޭރުކުރަން ފަށައިފިއެވެ. އެގޮތުން ވިޔަފާރި ކުންފުންޏަކާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެ ޤައުމުގެ ޠަރްޠޫސް ބަނދަރުން 600،000 ފީފާގެ ސާފުނުކުރާ ތެޔޮ ވަނީ ބޭރުކޮށްފައެވެ.

2010 ވަނަ އަހަރު ސޫރިޔާއިން ދުވާލަކު 380،000 ފީފާގެ ތެޔޮ ބޭރުކުރަމުން ދިޔަ ނަމަވެސް، 2011 ވަނަ އަހަރު ރައީސް ބައްޝާރު އަލްއަސަދާ ދެކޮޅަށް ފެށުނު މުޒާހަރާތަކާ ގުޅިގެން ހިނގި ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. އަދި އޭގެ ސަބަބުން ތެޔޮ ބޭރުކުރުން ވެސް ވަނީ ހުއްޓިފައެވެ.

ސޫރިޔާގެ ހަކަތައާބެހޭ ވުޒާރާގެ ގޭހާއި ތެލާ ބެހޭ އެސިސްޓަންޓް ޑިރެކްޓަރު، ރިޔާދު އަލްޖުބާސީ ވިދާޅުވި ގޮތުގައި މިފަހަރު ތެޔޮ ވިއްކާފައިވަނީ ބީބީ އެނަރޖީއާ ގުޅުންހުރި ކުންފުންޏެއް ކަމަށްވާ ބީ ސަރވް އެނަރޖީއަށެވެ. އަދި މި ތެޔޮ ބޭރުކޮށްފައިވަނީ ނިސޮސް ކްރިސްޓިއާނާ ކިޔާ ތެޔޮ ޓޭންކަރެއްގައި ކަމަށް ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ސޫރިޔާގެ ގިނަ ތެޔޮ ދަނޑުތައް އޮންނަނީ އެ ޤައުމުގެ އިރުއުތުރުގައި ކަމަށްވާއިރު، އެ ސަރަޙައްދުގައި މިހާރު ހިނގަނީ ކުރުދީންގެ ބާރެވެ. މިދިޔަ ފެބްރުވަރީ މަހު އެ ސަރަޙައްދުގައި އުފައްދާ ތެޔޮ މައި ސަރުކާރަށް ވިއްކަން ފެށި ނަމަވެސް، މީސްމަދު ވަންހައިގެ މީހުންގެ ހައްޤުތަކާ މެދު އޮތް ކަންބޮޑުވުންތަކާ ގުޅިގެން ދެ ފަރާތުގެ ގުޅުން ވަނީ ހީނަރުވެފައެވެ.

މިދިޔަ ޖޫން މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ އެންމެހާ ފިޔަވަޅުތައް އުވާލައްވާފައެވެ. އަދި މިހާރު ސޫރިޔާއިން ވަނީ ޑީޕީ ވޯލްޑް ކިޔާ ކުންފުންޏަކާއެކު 800 މިލިޔަން އެމެރިކާ ޑޮލަރުގެ ފަހުމުނާމާއެއްގައި ސޮއިކޮށް، ޠަރްޠޫސްގައި ޓަރމިނަލެއް ހަދައި ހިންގުމުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު