11 ޑިސެންބަރު 2025
އިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސް.ސީ.އޯ ޕްލަސް" ބައްދަލުވުމުގައި، ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނަށް ސުލްހަ ޤާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ގޮވާލައްވައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ޤާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ފަދަ ޖަމާއަތްތަކާއި ޤައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސް.ސީ.އޯ ޕްލަސް" ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށާއި އ.ދ.ގެ މެންބަރެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރުކަމަށާއި، 1965ގައި ދިވެހިރާއްޖެއިން ވަކާލާތުކުރި ސުލްހައާއި، މަޝްވަރާއާއި، ޑިޕްލޮމަސީގެ އުސޫލުތަކަށް އަދިވެސް ވަކާލާތުކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތި ހާލަތާއިމެދު ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމަށެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.

ރައީސް ޑރ.މުޢިއްޒު ގެންދަވަނީ، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ޤަވާއިދާ ޚިލާފަށް ދެމިތިބެ، ފަލަސްޠީނުގެ ރައްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ، އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރައްވައި، އެފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާއި ޚިލާފުކަމެއްކަން ތަކުރާރުކުރައްވައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރައްވައި އަޑުއުފުއްލަވަމުންނެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު