ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، މަޤާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ އާންމުކޮށްފައެވެ.
ޕީސީބީން މި އުޞޫލު އެކުލަވާލާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންނަކީ އެކަށޭނަ ޤާބިލު ބަޔަކަށް ހެދުމަށާއި، މަޤާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުމަށެވެ. އަދި މި މަޤާމަށް މީހުން ނެގުމާއި މަޤާމުން ވަކިވުމުގެ އުޞޫލުތައް އެއް މިންގަނޑަކުން ކަނޑައެޅުމުގެ އިތުރުން، ސެކްރެޓަރީންނާ ގުޅޭ ކަންކަން ދެ ފުށް ފެންނަ ގޮތަކަށް ބޭއްވުމަށްޓަކައެވެ.
އައު އުޞޫލުގެ ދަށުން، ކޮންމެ ކުންފުންޏެއްގައިވެސް ކުންފުނީގެ ސެކްރެޓަރީގެ ވަކި މަޤާމެއް އުފައްދަންޖެހޭނެއެވެ. އަދި މި މަޤާމަށް މީހުން އައްޔަނުކުރަންވާނީ ކުންފުނީގެ ޤާނޫނާއި ހިންގާ ޤަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ޑިރެކްޓަރުންގެ ބޯޑުންނެވެ.
މި އުޞޫލުގައިވާ ގޮތުން، މަޤާމަށް އައްޔަނުކުރެވޭ ފަރާތްތަކުން 6 މަސްދުވަހުގެ ތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފަރުމާކޮށްފައިވާ ކުންފުނީގެ ސެކްރެޓަރީގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރަންޖެހެއެވެ. އަދި މަދުވެގެން އަހަރަކު އެއްފަހަރު ސެކްރެޓަރީގެ ޕަރފޯމަންސް އެޕްރައިޒަލް ހަދަންޖެހޭނެއެވެ.
ސެކްރެޓަރީންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުންފުނި ހިނގަމުންދަނީ ޕީސީބީއާއި އެހެނިހެން ރެގިއުލޭޓަރީ އިދާރާތަކުގެ އުޞޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، ބޯޑު މެންބަރުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ. މީގެ އިތުރުން، މޮނިޓަރިން އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެއްބާރުލުން ދިނުންވެސް ހިމެނެއެވެ.



