16 ޖަނަވަރީ 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގައި، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ޤައުމީ ޤުރުއާން މުބާރާތުގައި 1000 އަށްވުރެ ގިނަ ބައިވެރިން

މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 1003 ފަރާތަކުން ބައިވެރިވާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މިއަދު ހާމަކުރައްވައިފިއެވެ.

ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި އަތޮޅު ކައުންސިލްތަކުން ބަލައިގެން ކިޔެވުމުގެ ބައިން 190 ފަރާތަކާއި ނުބަލާ ކިޔެވުމުގެ ބައިން 166 ފަރާތެއް ބައިވެރިވާއިރު، ސިޓީ ސްކޫލްތަކުގެ ބައިން ބަލައިގެން ކިޔެވުމަށް 190 ދަރިވަރުންނާއި ނުބަލާ ކިޔެވުމަށް 172 ދަރިވަރުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

މީގެ އިތުރުން ޙާފިޒުންގެ ބައިން 29 ބައިވެރިންނާއި، އެހެނިހެން ކެޓަގަރީތަކުން ބަލައިގެން ކިޔެވުމުގެ ބައިން 181 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ބައިން 75 ބައިވެރިން މި މުބާރާތުގައި ވާދަކުރާނެއެވެ.

ކުރީގެ އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ. ކޮންމެ ބަޔަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ވެސް މި ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު