11 ޑިސެންބަރު 2025
ދޮށީގެ މަސްވެރިކަން ކުރަނީ/ ފޮޓޯ މޯލްޑިވްސް މެރިޓައިމް ހިސްޓޯރިކަލް ސޮސައިޓީ

ޒުވާން މަސްވެރިން އުފެއްދުމަށް ހިންގާ ޕްރޮގާމުގައި ބައިވެރިވާން ހުޅުވާލި މުއްދަތު އިތުރުކޮށްފި

މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކަން އިތުރުކުރަން ސަރުކާރުން ހިންގާ ޕްރޮގާމުގައި ބައިވެރިވާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، ވާލްޑް ބޭންކުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދަ "ޓްރާންސފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް"، (ޓްރާންސްފޯމް) ގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 3 މަސް ދުވަހުގެ މުއްދަތަކަށެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 24 އަހަރުން ދަށުގެ ޒުވާނުންނަށެވެ. އަދި ކުރިމަތިލާ ފަރާތަކީ މިހާރު އެ ވުޒާރާގެ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މަސްވެރިއަކަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ދަށުން 5 ޒުވާނުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް އެލަވަންސެއް ވެސް ލިބޭނެއެވެ.

މި ޕްރޮގްރާމުގައި މަސްވެރިކަމާބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ބައިވެރިންނަށް ފަހިކޮށްދޭނެއެވެ. އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އުޅަންދެއްގައި އަމަލީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގައި ތަމްރީންދޭނީ ރާއްޖޭގެ ފުންނާބު އުސް ކެޔޮޅުން ކަމަށްވެސް ވިދާޅުވިއެވެ.

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 17ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމާއި އައިޑީކާޑު ކޮޕީ އަދި 18 އަހަރު ނުވާ ކުއްޖެއް ނަމަ ބެލެނިވެރިޔާގެ ސިޓީ ހުށަހެޅުމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް ނުކުންނަށް ޒުވާނުންގެ އަދަދު މަދުވުމަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެހެންވެ، އެ ދާއިރާ ކުރިއަރުވައި ޒުވާނުންވެސް އެ ދާއިރާއަށް ޝައުގުވެރިކުރުވުމަށް ސަރުކާރުން ގެންދަވަނީ އެކަމި މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން، މަސްވެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ސަރުކާރުން ދަނީ ފަހިކޮށްދެއްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު