ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ތަކެތި ހޯދާފައިވަނީ ތުޅާދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.
ތުޅާދޫ ފުލުހުން މި މަހު 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރުގައި އޮތް ފެރީ ލޯންޗަކަށް އަރައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅު ތަކެއް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6.73 ގުރާމު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ތަކެތި ފެނިފައިވަނީ ފެރީގައި އޮތް ކޮތަޅެއްގެ ތެރެއިންނެވެ. އަދި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތި ރަށްރަށަށް އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.



