ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރެގިއުލަރައިޒޭޝަން ކުރުމަށް މާސް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ސިސްޓަމްގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. "ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ އެއި ކޮންމެ ހާލަތެއްގައި ހުރި މީހެއްކަމުގައި ވިޔަސް، އެ ފަރާތަކަށް ސިސްޓަމްގެ ތެރެއަށް ވަނުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި ލިބިގެންދާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮގްރާމަށް މަދުވެގެން 6 މަސްދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. އަދި މިހާތަނަށް ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތުގެ ދަށުން 165,000 އަށްވުރެ ގިނަ މީހުންގެ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރުން ފެށިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް ފެށިފައިވަނީ 2023 މެއި 2 ވަނަ ދުވަހުއެވެ.
ސަރުކާރުން މި ކުރިއަށްގެންދާ "ކުރަނގި އޮޕަރޭޝަން" ނިމޭއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރާއްޖެއަށް ބިދޭސީން ގެނައުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ވެސް ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.



