11 ޑިސެންބަރު 2025
ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: ޕީއެސްއެމް ނިއުސް

ގުޅިފަޅުން ދޫކުރި ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ފަށައިފިއެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 1،260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނެގުމަށްފަހުގައެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގ އަށް ބޮޑު ސަރަޙައްދެއް ކަނޑައަޅާފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ވަކި ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ތަޢުލީމީ އަދި ސިއްޙީ ޚިދުމަތްތަކުގެ އިތުރުން، އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ސިޓީ ހޮޓާ ތަރައްޤީކުރުމަށް ޚާއްޞަ ސަރަހައްދުތައް ހިމެނެއެވެ.

އަދި ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން، ޕާކުތަކާއި ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށްވެސް ވަނީ ޕްލޭންގައި ހިމަނާފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގުޅިފަޅުން ދޫކޮށްފައިވާ ބިންތައް ސާފުކޮށް، އިން ވަކިކޮށް ނިމޭ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފްތާއިން ފެށިގެން ކުރިއަށް ގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު