11 ޑިސެންބަރު 2025
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް، ފޮޓޯ: ކޮންްސްޓްރަކްޝަން މިނިސްޓްރީ

ބޮޑުތަކުރުފާނު މަގުގެ ޝީޓް ޕައިލް މަސައްކަތް 2 ދުވަހުގެ ތެރޭގައި ނިމޭނެ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްއަށް އެމްޓީސީސީގެ ސިނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް އަބްދުﷲ ފާއިޒް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގެ އެއްގަމު ތޮށި ނަގައި، އައު އެއްގަމު ތޮއްޓަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތެވެ. މިހާތަނަށް ގާތްގަނޑަކަށް 65 އިންސައްތަ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

144 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް 128 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

"މަގުތާރުއަޅާ ނިންމަން ހަމަޖެހިފައި މިވަނީ ރޯދައިގެ ކުރިއަށް. އެގޮތުން ރޯދަމަހަކީ މާރުކޭޓް ސަރަހައްދުގައި ކާރުބާރު ބޮޑުވާ ދުވަސްވަރެއް ކަމުން އާންމުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި ރޯދައިގެ ކުރިއަށް މަގުގެ ތާރުމަސައްކަތާއެކު ހުޅުވާލެވޭނެ," ޝަރްވަސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރެވޭނެއެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުގައި ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ދެކޮޅަށް ދުއްވޭނެހެން 4 ލޭނަށް ތަރައްޤީކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު