11 ޑިސެންބަރު 2025
ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން، ފޮޓޯ: އޭޕީ

ހަމަބުއްދި ބޭނުންކޮށްފިނަމަ ދެފަރާތަށް ވެސް އެއްބަސްވެވޭނެ ޙައްލަކާ ހަމައަށް ވާސިލުވެވިދާނެ: ޕުޓިން

ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ މަޝްވަރާގެ މަގުން ކަމަށާއި، އެގޮތަށް ކަންތައްތައް ކުރިއަށް ނުދާނަމަ ބާރުގެ ބޭނުން ކުރަން ޖެހޭނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަލިމަގެއް ފެންނަމުންދާ ކަމަށެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ވިލާތުގައި ހިނގަމުންދާ އެންމެ ބޮޑު ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ވެސް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕުޓިން އިތުރަށް ވިދާޅުވީ، "ހަމަބުއްދި ބޭނުންކޮށްފިނަމަ ދެފަރާތަށް ވެސް އެއްބަސްވެވޭނެ ޙައްލަކާ ހަމައަށް ވާސިލުވެވިދާނެ" ކަމަށެވެ. އަދި މިއީ އޭނާ އެންމެ ބޭނުންވެވަޑައިގަންނަވާ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ މޮސްކޯއަށް ވަޑައިގެންފިނަމަ މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޕުޓިން ވިދާޅުވިއެވެ. ނަމަވެސް މިފަދަ ބައްދަލުވުމަކުން އެދެވޭ ނަތީޖާއެއް ނެރެވެން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ވަނީ މޮސްކޯގައި މިފަދަ ބައްދަލުވުމެއް ބޭއްވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރަޝިޔާއިން ކުރާ ޝަރުތުތަކުގެ ތެރޭގައި ޔޫކްރެއިނުން ނޭޓޯއަށް ގުޅުމުގެ ޚިޔާލު ދޫކޮށްލުން ހިމެނެއެވެ. އަދި މިހާތަނަށް ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ހަތަރު ސަރަޙައްދެއް އެ ޤައުމުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ހުޅަނގުގެ ގިނަ ޤައުމުތަކުން ދެކޭގޮތުގައި މިއީ ޤާނޫނާ ޚިލާފަށް ފޭރިގަނެފައިވާ ބިންތަކެކެވެ.

ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދަށް އަސަރުކުރަން ފަށާފައިވާއިރު، ޕުޓިން ވިދާޅުވަނީ އޭނާ ބޭނުންވެލައްވަނީ ޞުލްޙައިގެ މަގުން ހަނގުރާމަ ނިމުމަކަށް ގެންނެވުމަށް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު