ސާއްބަ ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނަވާ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ހުޅުމާލެއިން ބިމެއް ބައްލަވައިގަތީ މީގެ 10 މަސްކުރިން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޫހަކުން ގެނެސްފައިވާ ޚަބަރަކަށް ރައްދުދެއްވައި، ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެފައިވަނީ އޭނާގެ ނަމުގައި ހުޅުމާލޭގައި އެއްވެސް ބިމެއް ނޯންނާނެ ކަމަށެވެ. މިގޮތުން އައްބާސް ވިދާޅުވީ، މީގެ 10 މަސްކުރިން އެޗްޑީސީން އިޢުލާންކުރި 8 ބިމުގެ ތެރެއިން އެއް ބިމަށް ސާއްބަ ކޮންސްޓްރަކްޝަނުން ބިޑުކޮށް، އެ ބިޑު ކާމިޔާބުވެފައިވާ ކަމަށެވެ.
އައްބާސް އިތުރަށް ހާމަކުރެއްވި ގޮތުގައި، އެ ބިމަށް ފައިސާ ދައްކާފައިވަނީ ސާއްބަ ޓްރެވަލްސްގެ އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި ފައިސާއިންނެވެ.
"އެއީ އަޅުގަނޑަށް އެކްސެސް ނުވެވޭގޮތަށް އިން އެކައުންޓެއް ނަމަވެސް، 100% ޔަގީންކަމާއެކު ދަންނަވަން، އެއްވެސް ސިޔާސީ ފަރާތަކުން ނުވަތަ އެނޫންވެސް އަމިއްލަ ފަރާތަކުން ނުވަތަ ހެޔޮއެދޭ ފަރާތަކުން ސާއްބަ ޓްރެވަލްސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ނުވާނެ،" އައްބާސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ސާއްބަ ޓްރެވަލްސްގެ ނަމަށް ބިން ބަދަލުކޮށްފައިވަނީ އެޗްޑީސީގެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، އެ ބިމަށް ފައިސާ ދައްކާފައިވަނީ ސާއްބަ ޓްރެވަލްސް ކަމަށްވާތީ، ސާއްބަ ކޮންސްޓްރަކްޝަންގެ ފަރާތުން އެގޮތަށް ބަދަލުކުރުމަށް އެދިފައިވާތީއެވެ. މި ހުރިހާ ތަފްސީލެއް އެޗްޑީސީގައި ލިޔެކިޔުމުން ފެންނަން ހުންނާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ހާމަކުރެއްވި ގޮތުގައި، އޭނާގެ ނަމުގައި ހުރި އެއްވެސް މުދަލެއް ވިއްކާފައި ނުވާނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނުތަކުން ޚަރަދުކޮށްފައިވަނީ ޅޮހި، ފޮއްދޫ، ވެލިދޫ ދާއިރާގެ ރައްޔިތުންގެ ތަރައްޤީގެ ކަންކަމަށާއި ބޭސްފަރުވާއަށެވެ.
އައްބާސް ވިދާޅުވީ، ބޭންކް ލޯނު ދައްކަމުންދަނީ އޭނާއަށް ލިބޭ މުސާރައިން ކަމަށާއި، ރިޝްވަތުގެ ފައިސާގައި ދުވަހަކުވެސް ނުޖެހޭނެ ކަމަށެވެ. އަދި ހައްޤު ބަސް ބުނުމުގައި ސާބިތުވެ ހުންނާނެ ކަމަށާއި، ހަލާލު ނޫން އެއްޗެއް މައިންބަފައިންނާއި އަނބިދަރިންނާއި ޢާއިލާގެ މެންބަރުން ކައިބޮއި ނުހަދާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އައްބާސް މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި އެތައް ވިޔަފާރިއެއްގެ މަޢުލޫމާތު ފޮރުވާފައިވާކަން ވަނީ ހާމަވެފައެވެ. އޭނާގެ މާލީ ބަޔާނުގައި ހާމަކުރައްވާފައިވަނީ މަޖިލިސް މެންބަރުކަމުގެ މުސާރައިގެ ގޮތުގައި ލިބުނު 927,532.11 ރުފިޔާ އެކަނި ކަމަށްވާއިރު، އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާގޮތުގައި އޭނާއަކީ ސާއްބަގެ ނަމުގައި ހިންގާ ކުންފުނިތަކުގެ ހިއްސާދާރުކަން އަދި އިސް މަޤާމުތަކެއް ފުރުއްވާ ބޭފުޅެކެވެ.
އައްބާސްގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރޭގައި ސާއްބަ ބްރަދާސް ޕްރައިވެޓް ލިމިޓެޑް، ސާއްބަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް، އަދި ސާއްބަ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. މި ކުންފުނިތަކުގައި އޭނާ ހިއްސާދާރެއްގެ އިތުރުން ބޯޑު މެންބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަން ފަދަ މަޤާމުތައް ފުރުއްވައެވެ.

އެންމެ ބޮޑަށް ފާހަގަކުރެވެނީ، ހުޅުމާލޭގައި ސާއްބަ ކުންފުނީގެ ނަމުގެ އޮތް ގޯއްޗަށެވެ. މި ގޯތި ކުރިން އޮތީ ސާއްބަ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައެވެ. މިހާރު ވަނީ ސާއްބަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ބަދަލުކޮށްފައެވެ. މި ބިމުގެ މަޢުލޫމާތު މާލީ ބަޔާނުގައި ހިމަނާފައެއް ނުވެއެވެ.
އައްބާސްގެ މާލީ ބަޔާނުގައި 8 ބޭންކް އެކައުންޓެއްގައި ޖުމްލަ 4,015.85 ރުފިޔާ އާއި 3 ޑޮލަރު ހުރި ކަމަށް ދައްކާއިރު، މިދިޔަ އަހަރު އެކަނިވެސް ބީއެމްއެލްއިން 849,000 ރުފިޔާ އަދި އެމްއައިބީން 731,340.38 ރުފިޔާގެ ލޯނު ނަގާފައިވާކަން ފާހަގަކުރެވެއެވެ.



