މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ބޭނުންވާ ޑޮލަރު ހޯދުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދެވެ.
މަތީން ހާމަކުރެއްވި ގޮތުގައި އެ ކުންފުނީގެ އަހަރީ އޮޕަރޭޝަނަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވެއެވެ. އަދި ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ސާމާނާއި ޑީސަލް ގަތުމަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކުންފުނިން އައު ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވެއެވެ. "ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައި ނުވުމުން ދަތިތައް ކުރިމަތިވަމުންދޭ،" މަތީން ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީން ޑޮލަރު ހޯދުމަށް ރާވާފައިވާ އެއް މަސައްކަތަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއެކު އެއްބަސްވުންތަކަކަށް ދިއުމެވެ.
"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަތިބި ޑޮލަރުން އާންމްދަނީ ލިބޭ ފަރާތްތައް. މިސާލަކަށް ޓުއަރިޒަމް ފެސިލިޓީ. މާފުއްޓަށް ބެލިއަސް، މާލެއަށް ބެލިއަސް. އަޅުގަނޑުމެން ދިރާސާ އެބަހަދަން އޭގަ އެފަރާތްތަކާއެކު އެގްރީމަންޓަކަށް ދެވިދާނެތޯ،" މަތީން ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޓީޑީސީއާ ގުޅިގެން ހދ. ނާގޯށީގައި ތަރައްގީކުރަމުންދާ ރިސޯޓު ޕްރޮޖެކްޓުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމެނުމަށް މަޝްވަރާކުރަމުންދާކަން މަތީން ހާމަކުރެއްވިއެވެ. ފެނާއި ނަރުދަމާގެ ނިޒާމު ޕްލޭން ކުރުމާއި، ޑިޒައިން ކުރުމާއި، އިމްޕްލިމެންޓޭޝަންގެ ތަޖުރިބާ ކުންފުންޏަށް ލިބިފައިވާތީ، މި ހުނަރުތައް ޓޫރިޒަމް ސެކްޓަރގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުގައި ބޭނުންކުރުމަށް ވަނީ ރޭވިފައެވެ.
ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން މިހާރު އެންމެ އިސްކަމެއް ދެނީ ޑޮލަރުން އާމްދަނީ ހޯދުމުގެ ދާއިމީ ހައްލެއް ގާއިމުކުރުމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެންނަން ފަށާނެ ކަމުގެ އުންމީދު އޮތްކަން ކުންފުނިން ވަނީ ހާމަކޮށްފައެވެ.



