11 ޑިސެންބަރު 2025

އެމްޑީއޭ އާއި އަދާލަތު ޕާޓީގެ ވާތްގެއް ނެތް؛ ދައުލަތުން ފައިސާ ދޭން މަޖުބޫރުވެގެން މިއުޅެނީ ކީއްވެ؟

ސިޔާސީ ޕާޓީތަކުގެތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް، އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ 9 ޕާޓީގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވަނީ ސިޔާސީ 5 ޕާޓީއެއްގައެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްއެވެ.

އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، މިއަހަރުގެ ބަޖެޓުގެ އާމްދަނީން ދޫކުރަންޖެހޭ ފައިސާ ޖަމާކޮށްދިނުމަށް ބޭންކްތަކަށް މިހާރު ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. މިއަހަރުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ އިދިކޮޅު އެމްޑީޕީއަށެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފްޞީލް

  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) – 13,316,689.57ރ
  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) – 8,454,780.51ރ
  • ޖުމްހޫރީ ޕާޓީ (JP) – 2,656,598.57ރ
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) – 1,769,648.69ރ
  • ޢަދާލަތު ޕާޓީ (AP) – 1,713,538.65ރ

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އަށްވާ ފައިސާއެވެ. މިގޮތުން 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ސިޔާސީ 5 ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާގޮތުން މިއަހަރު ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެންމެ މެންބަރުން ގިނައީ ޕީއެންސީގައެވެ.

ފައިސާ ދޫކުރާ ޕާޓީތަކުގައި މެންބަރުން ހިމެނޭ ޢަދަދު:

  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) – 68665 މެންބަރުން
  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) – 43765 މެންބަރުން
  • ޖުމްހޫރީ ޕާޓީ (JP) – 13456 މެންބަރުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) – 9011 މެންބަރުން
  • ޢަދާލަތު ޕާޓީ (AP) – 8844 މެންބަރުން

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް އޮތްއިރު ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން އެމްޓީޑީ އުވާލުމުގެ މަސައްކަތް އެކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.

މިހާރު އޮތް ޤާނޫނަށް ބަލާއިރު، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަކީ ޤާނޫނީ ގޮތުން ލާޒިމްކުރާ ކަމެކެވެ. ނަމަވެސް މިކަމުގައި ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލައަކީ މެންބަރުންގެ އަދަދު މަދު ޕާޓީތަކަށްވެސް ގިނަ އަދަދެއްގެ ފައިސާ ދޫކުރަން ޖެހުމެވެ. މިގޮތުން އެމްޑީއޭ އާއި އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު މިހާރުވެސް ދިހަހާހަށް ނާރާއިރުވެސް، މި ދެ ޕާޓީއަށް މި އަހަރުވެސް ޖުމްލަ 3.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރަން ޖެހިފައިވެއެވެ. އަދި އެ ދެ ޕާޓީން އެއްވެސް ހަރަކާތެއް، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަން ފާހަގައެއް ނުކުރެވެއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާ ގޮތުން، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެއެވެ. މި ފައިސާ ބެހުމުގައި ބަލަނީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށެވެ. އެހެންނަމަވެސް މިއީ އިތުރަށް ވިސްނާލަންޖެހޭ ކަމެކެވެ. ސަބަބަކީ މެންބަރުންގެ އަދަދު މަދު ޕާޓީތަކަށް މިހާ ބޮޑު އަދަދެއްގެ ފައިސާ ދިނުމަކީ ދައުލަތުގެ ބަޖެޓަށް ބުރަވާ ކަމަކަށް ވާތީއެވެ.

މި މައްސަލަ ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލު އިސްލާހުކުރުމާއި، ފައިސާ ދޫކުރާއިރު، މެންބަރުންގެ އަދަދު  ކަނޑައެޅިފައިވާ އަދަދަށް ހަމަ ނުވާ ޕާޓީތަކަށް ފައިސާ ދޫކުރުން ހުއްޓާލުން ހިމެނެއެވެ. މިކަމަކީ ރައްޔިތުންގެ މަޖިލީހުން އަވަސް ފިޔަވަޅެއް އަޅަންޖެހޭ މައްސަލައެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު