ބިމުގެ ބޮޑުމިނަށް ބަލައި، މުނިސިޕަލް މަސައްކަތްތަކަށް ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ބްލޮކް ގްރާންޓަކީ ކައުންސިލްތަކުން ރަށްރަށުގެ ކުރިއެރުމަށް ކުރަން ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކައުންސިލްތަކަށް ސަރުކާރުން ކަނޑައަޅާ ބަޖެޓެވެ.
މިކަމާ ގުޅިގެން، ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓް ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ފިސްކަލް ފޯރމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭމިންވަރު މަދުކަމަށެވެ. އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް ކުންރަންޖެހޭ މިންވަރު މަދު ނޫންކަމަށް އެމަނިކުފާނު
އެހެންކަމުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅާފައިވާގޮތުން، އެ ކައުންސިލްތަކަށް ގެއްލުންވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާއެކު ހުށަހެޅުމަށް ނިންމަވާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތައް ނުވަތަ ރަށް ސާފުކޮށް ބެލެހެއްޓުމާއި އާބާތިރަފިލުވުމާ ގުޅޭ މަސައްކަތްތައް ކުރަނީވެސް ބްލޮކް ގްރާންޓްގެދަށުންނެވެ. ނަމަވެސް ބައެއް ރަށްތަކަކީ އާބާދީ ކުޑަ ނަމަވެސް، މުނިސިޕަލް މުވައްޒަފުން ސާފުކޮށް ބަލަހައްޓަންޖެހޭ ސަރަޙައްދު ބޮޑެތި ރަށްތަކެވެ. ރަށްތަކުގައި އެ ސަރަޙައްދުތައް ބަލަހައްޓަނީ ކައުންސިލްގެ މުނިސިޕަލް މަސައްކަތަށް ނަގާ ކޮންޓްރެކްޓް މުވައްޒަފުންނެވެ.
މި ގެންނަ ބަދަލާއެކު، އިތުރަށް މުވައްޒަފުން ނެގުމަށް މަގުފަހިވުމާ އަދި މިހާރު މަސައްކަތްކުރާ މީހުންގެ އުޖޫރައަށް ހެޔޮ ބަދަލެއް ގެނައުމަށްވެސް މަގުފަހިވެގެންދާނެއެވެ.



