11 ޑިސެންބަރު 2025

ފުރިހަމަ ހަނދުކޭތައެއް މާދަމާރޭ ފެންނާނެ؛ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވި

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން މާދަމާރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފައިވާ ސަރކިއުލާރއެއްގައި ވިދާޅުވީ މާދަމާ ރޭ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 20:28ގައިކަމަށެވެ.

ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭ 23:11ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 01:55 ހާއިރު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މާލޭގައި ކޭތަނަމާދުކުރާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ހުޅުމާލޭ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގައިކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އެހެންކަމުން ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު މާދަމާ ރޭ 23:12 ގައި ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ކައުންސިލްތަކަށް އަންގަވާފައެވެ.

އާދިއްތަ ދުވަހުގެ ރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފުރިހަމައަށް ފެންނާނެއެވެ. ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު