11 ޑިސެންބަރު 2025

އައްބާސް ދަނީ ގަސްތުގައި ކަންކަން އޮޅުވާލަމުން؛ "ސަރުކާރު ބަދަލުވިއިރު، ޅޮހީގެ ނަރުދަމާ މަސައްކަތުގެ %34 ނުނިމޭ"

ނ. ޅޮހީގެ ފެނާއި ނާރުދަމާގެ މަސައްކަތް ލަސްވެފަވަނީ ފުރަތަމަ ހަވާލުކުރި ކޮންޓްރެކްޓަރަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެންކަމަށާއި، އެ މަސައްކަތް ނިންމުމަށް މިހާރު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެކަމުގެ ތަފްސީލް ޙިއްސާކުރައްވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި މި މަސައްކަތް، ކުރިއަށް ނުދާތީ އެ ކުންފުންނާއެކު ވެފައިވާ އެއްބަސްވުން 2024 މަރޗް 28 ގައި ބާތިލުކޮށްފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރިއިރު، %34 މަސައްކަތް ނުނިމި އޮތްކަމަށެވެ. މި މަސައްކަތަކީ 28 ސެޕްޓެމްބަރު 2021 ގެ ނިޔަލަން ނިންމަން އެގްރިމަންޓް ކުރި މަސައްކަތެކެވެ.

މި މަސައްކަތް އަލުން ފަށާ، މަސައްކަތް ނިންމުމަށް މި އަހަރުގެ މަރިޗު މަހުގެ 13 ވަނަ ދުވަހު، ސަރުކާރުގެ އެސްއޯއީ ފެނަކަ ކޯޕަރޭޝަނާ މިހާރު ހަވާލުކޮށްފަވާކަމަށް ވަޒީރު އެދުވަހު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ނ. ޅޮހީ ހިމެނޭހެން 5 ރަށެއްގެ މަސައްކަތް ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓޭޑާ އޭރު ހަވާލުކޮށްފައި އޮތްކަމަށެވެ. ނަމަވެސް ކުންފުނީގެ ހާލަތު އޮތްގޮތުން، މި 5 ރަށުގެ މަސައްކަތްވެސް އެދެވޭގޮތުގައި ކުންފުންޏަށް ކުރިއަށް ގެންދެވިފައި ނުވާކަމަށެވެ. އެހެންކަމުން މި 5 ރަށުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސް، ވީހާވެސް އަވަހަށް ނިންމާ ޚިދުމަތް ލިބޭނެ ގޮތްތަކެއް ބަލާ، އެއްބަސްވުންތަކަކާއި ހަމައަށް އާދެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހި ކުންފުންޏެއް ވީމަ އެހީތެރިކަން ދީގެން މަސައްކަތްތައް ނިންމޭނެ ގޮތްތަކެއް ބެލީ. އެހެންވީމަ އެ ކުންފުންޏަށް އޭގެތެރެއިން 2 ރަށް ނިންމަން ހަވާލުކޮށްފަ، އަނެއް 3 ރަށް ސަރުކާރުގެ އެސްއޯއީއާއި ހާވާލުކޮށް ސެޓްލްމަންޓް އެގްރިމަންޓެއްގެ ދަށުން ކުރަން ނިންމާފަވަނީ. އެ ދެ ރަށް، އެ ކުނފުންޏަށް އެހީތެރިކަން ދިގެން ނިންމުމަށް މި ބަލަނީ. ސަރުކާރުން ލާރި ނުދީގެން ނޫން ކުރިއަށް ނުގޮސް އޮތީ، ކުންފުނީގެ ޙާލަތު އޮތްގޮތުން." ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޅޮހީގެ ފެނާ ނަރުދަމާ ނިންމުމަށް ހަވާލުކޮށްފަވަނީ، އަންނަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. މި މަސައްކަތް ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްފަވަނީ 37.8 މިލިއަން ރުފިޔާއަށެވެ.

މިހެން މިހާ ތަފްސީލުކޮށް ވަޒީރު ޖަވާބުދާރީވެފައިވަނިކޮށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ދަނީ މިކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަތައް ފަތުރަމުންނެވެ.

އޭނާ ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ނިމިދިޔަ ސަރުކާރުން ހަދަން ފަށައި، %85 ނިމިފައި އޮތް ނ.ޅޮހީގެ ނަރުދަމާގެ މަސައްކަތް މިސަރުކާރަށް ދެއަހަރުވާއިރު ސާވޭކުރުންނޫން އިތުރުކަމެއް ނުކުރާ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ މަސްއޫލުވެރި ވުޒާރާއިން ވިދާޅުފައިވަނީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރިއިރު، %34 މަސައްކަތް ނުނިމި އޮތް ކަމަށެވެ. އެހެންކަމުން، މިކަމުގެ ފަންނީ މަޢުލޫމާތު އެނގިވަޑައި ނުގެން މިފަދަ ވާހަކަތައް ފަތުރަނީ ރައްޔިތުންގެ ތާޢީދު ހޯދުމަށްޓަކައި ކަމުގައި ބެލެވެއެވެ. ނަމަވެސް، ވެލިދޫ ދާއިރާގެ މެންބަރު ހަޤީޤަތް އޮޅުވާލަމުންދާ ކަމަށްބުނެ ދާއިރާގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިހެން ހުއްޓިފައިވާ މަސައްކަތެއް ސާވޭ ނުކޮށް ކުރިއަށް ގެންދެވޭކަން ނޯންނާނެއެވެ. އަދި މިފަދަ ފަންނީ މަސައްކަތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދޭންވާނީ ކަމުގެ ޙަޤީޤަތް އެނގޭ ޒިންމާދާރު ފަރާތަކުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު