ޣައްޒާ ނެތިކޮށްލުމަށް އިސްރާއީލުން ޣައްޒާގެ އުސް އިމާރާތްތަކަށް ހަމަލާދިނުން އިތުރުކޮށްފިއެވެ.
ޣައްޒާގައި އިސްރާއީލުގެ ޢުދުވާނީ ޢަމަލުތައް ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުން އިސްރާއީލުން ވަނީ ޣައްޒާ ސިޓީގައި ހުރި އުސް އިމާރާތްތަކަށް ހަމަލާދީ، އާންމު ރައްޔިތުން މަޖުބޫރުން ތަންތަނުން ނެރެފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންގެ މެދުގައި ވަނީ ބިރުވެރިކަމާއި ނާމާންކަން އުފެދިފައެވެ.
އިސްރާއީލީ ސިފައިން ވަނީ 15 ބުރީގެ ސޫސީ ޓަވަރަށް ހަމަލާދީފައެވެ. މި އިމާރާތް ހުރީ ޔޫ.އެން.އާރް.ޑަބްލިއު.އޭގެ އިމާރާތާ ކުރިމަތީގައެވެ. އިމާރާތްތަކުން ނުކުތުމަށް ދެވުނު ވަގުތަކީ އެންމެ ގަޑިއިރެއް ނުވަތަ ބައި ގަޑިއިރެވެ. މިއީ އެތައް ބަޔަކު ދިރިއުޅޭ އިމާރާތްތަކުން ނުކުތުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ޣައްޒާގެ ރައްޔިތުން ފާހަގަކުރެއެވެ.
އިސްރާއީލުން ބުނާ ގޮތުގައި މި އިމާރާތްތަކަކީ ހަމާސްއިން އިސްރާއީލީ ސިފައިންގެ ހަރަކާތްތައް ބެލުމަށް ބޭނުންކުރާ ތަންތަނެވެ. އަދި މި ސަރަހައްދުގައި ގޮވާ ތަކެތި ބަހައްޓާފައި ހުރި ކަމަށާއި، ބިމުގެ އަޑިން ޓަނަލްތައް ކޮނެފައިވާ ކަމަށްވެސް އިސްރާއީލުން ބުނެއެވެ. ނަމަވެސް މި ދަޢުވާތަކަށް އެއްވެސް ހެއްކެއް އިސްރާއީލަށް ހުށަހެޅިފައެއް ނުވެއެވެ.
ޣައްޒާގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 90 އިންސައްތަ އިންފްރާސްޓްރަކްޗަރ ވަނީ ހަލާކުވެފައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން މަޖުބޫރުން ނެރުމަށް ކުރާ ކަމެއް ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ. އަދި އިސްރާއީލުގެ މި ޢަމަލުތަކަކީ ސިވިލިއަނުންނާއި އަސާސީ ވަސީލަތްތަކަށް އަމާޒުކޮށް ހިންގާ ޢުދުވާނީ ޢަމަލުތަކެއް ކަމަށްވެސް ފާހަގަކުރެއެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންތަކާ އެކުވެސް، އިސްރާއީލުން ދަނީ ޣައްޒާ ސިޓީއަށް ހަމަލާދެމުންނެވެ. މިކަމުގެ ސަބަބުން އެތައް ޢާއިލާތަކެއް ވަނީ ހާލުގައި ޖެހި، ގެދޮރު ގެއްލި، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތިފައެވެ.



